މާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމުގެ ޒިންމާ އާމެދު މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާ ދެމެދު އުފެދިފައިވާ ކޯޅުމުގެ ސަބަބުން މުޅި ރަށު ތެރެ ގޮނޑުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަންފެށުމާއެކު، އެންވަޔަރަމަންޓު މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިން، މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން ފަށައިފި އެވެ.
މާލެ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުން ފަސް އަހަރަށްފަހު މި ޑިސެމްބަރު 26، ގައި ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރީ އެ ކުންފުނީގެ މަސައްކަތާމެދު ހިތްހަމަނުޖެހިގެންނެވެ. ކައުންސިލުން ފާހަގަ ކުރި މައިގަނޑު ދެ މައްސަލައަކީ ވެމްކޯއިން މަސައްކަތް ކުރާ އަގު ބޮޑުވުމާއި މަސައްކަތުގެ ޒިންމާ ރަނގަޅަށް އަދާނުކުރުމެވެ.
އެއާއެކު ގޭބީސީތަކުން މަގުމައްޗަށް ނެރޭ ކުނި ދެން ނުގެންދާނެކަމަށް ވެމްކޯއިން ބުނެފައިވާއިރު، މުޅި މާލެ ގޮނޑުވެ، އީޕީއޭއިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މިނިސްޓަރު އާމިނަތު ޝައުނާގެ ލަފާގެ މަތިން މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން ފަށާފައިވާ ކަމަށެވެ.

"ބައެއްގެ އީގޯއަށް ބެލުމަށްވުރެ މާލެ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމުކަމަށް ދެކިގެން،" އޮޕަރޭޝަން ފެށި ސަބަބު ސާފުކޮށް ދެއްވަމުން އަލީ ސޯލިހު ވިދާޅުވި އެވެ.
މާލެ ތެރޭގައި ހުންނަ ކުނި ނެގުމަށް، ކުނި ބެލެހެއްޓުމަށް ހާއްސަކޮށް 2016 ވަނަ އަހަރު އުފެއްދި ވެމްކޯއިން ކުރިއަށްގެންދިޔަ ބިޔަ ޕްރޮޖެކްޓާ ކައުންސިލުން ހަވާލުވީ 100 އެއްހާ މުވައްޒަފުން އެ މަސައްކަތަށް ނަގައިގެނެވެ. އޭގެ ތެރޭގައި ކުނި ނެގުމާއި ކުނި ކެހުމަށް 80 މީހުން ނެގި އެވެ.
މިވަގުތު ކައުންސިލުން މަސައްކަތް ކުރަމުންދަނީ ކުނީގެ މަސައްކަތަށް ބޭނުންވާ އުޅަނދުތައް ކުއްޔަށް ނަގައިގެނެވެ. އެ ކައުންސިލުގެ އަމިއްލަ އުޅަނދުފަހަރުގައި އެ މަސައްކަތް ކުރަން އަދި ފަސް ވަރަަކަށް މަސް ދުވަސް ވާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.












