ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެނުނު އަނިޔާވެރިކަން ދެ ވަނަ ފަހަރަށް ތަކުރާރުވާ މަންޒަރު ދެކެން ބޭނުންނުވާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އަނެއްކާވެސް ގެންނަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުން ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ތަސްމީނު ވިދާޅުވީ ކުރިއަށް އޮތް ޕްރައިމަރީގައި އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނުނު ބޭއިންސާފައި ކޮރަޕްޝަނާއި އަދި އަނިޔާވެރިކަމުގެ ސިފަތައް ތަކުރާރުވެގެން ނުދިއުން ކަމަށެވެ.
"[ޔާމީން ވެރިކަމުގައި ތަހައްމަލުކުރި ކަންކަން] އަލުން އިއާދަވިޔަ ނުދިނުމަށް ކުރެވޭނީ ކޮން ކަމެއްތޯ. އެ ގޮތް ވަރަށް ސާފު. އަޅުގަނޑުމެންނަށް ކާމިޔާބު ވާނޭ ގޮތެއްގެ މަތިން އަޅުގަނޑުމެން އިހްތިޔާރުކުރުން،" ތަސްމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު ގެއްލުމާ އަނިޔާ ތަހައްމަލު ކުރީ ސަރުކާރުގެ އަދި ޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވި އިސް ބޭފުޅުން ނޫން ކަމަށާއި އެކަންކަން ތަހައްމަލުކުރީ އާންމު ރައްޔިތުން ކަމަށް ތަސްމީނު ވިދާޅުވި އެވެ.
"އެދަތިތައް ތަހައްމަލުކުރަން ޖެހުނީ އާންމު މެންބަރުންނަށް، އަޅުގަނޑުމެންގެ އެކްޓިވިސްޓުންނަށް، އެމީހުންގެ އާއިލާތަކަށް. އަޅުގަނޑުމެންގެ ހިތަކުން އެކަންތައްތައް ހަނދާން ނެތިގެންނެއް ނުދާނެ،" ތަސްމީނު ވިދާޅުވި އެވެ.

ތަސްމީނު ވިދާޅުވީ ޔާމީނުގެ ދައުރުގައި ބޭއްވި ސުލްހަވެރި އެއްވުންތަކުގެ ތެރެއިން އާންމު މެންބަރުންނަށް އެތައް ޖިސްމާނީ އަނިޔާތަކެއް ދިން ކަމަށާއި އޭނާއަކީ އެމަންޒަރުތައް ކައިރިން ފެނުނު މީހެއް ކަމަށެވެ.
"އަޅުގަނޑުމެން ހަނދާނުގައި ހުންނާނެ އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު، ހައްޔަރުކޮށް ޖަލުތަކުގައި ބަންދުކޮށް އެތައް އަނިޔާތަކަކާ ކުރިމަތިލާން ޖެހުނުކަން. އެއީ ހަދާނުން ފިލައިގެން ދާނެ ކަމެއް ނޫން. އަދި ދައުލަތުން ހުރިހާ އެންމެންނަށް ފޯރުކޮށްދޭން ޖެހޭ އެކިއެކި ހިދުމަތްތަކާ ހައްގުތަކުން އަޅުގަނޑުމެންގެ މެންބަރުން މަހްރޫމްކޮށް މެންބަރުންނާއި އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަން އެއީ އަޅުގަނޑުމެން އެންމެނަށްވެސް އެނގޭކަމެއް،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީން ސިޔާސީ ޕޯޑިއަމަކުން ފެނިގެން ދިޔައިރު އޭނާއަކީ މީގެ ކުރިން ޑީއާރުޕީގެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަނެއްކާ ވެސް ތަސްމީނު ފެނިފައި މިވަނީ ދުވަސްގަނޑެއް ވަންދެއް ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުމަށް ފަހު އެވެ.












