ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އަމިއްލަ ދަތުރުފުޅެއްގައި މިއަދު ސްރީ ލަންކާގެ ވެރި ރަށް ކޮޅުނބަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ފުރާވަޑައިގަތީ "ނުރަސްމީ ދަތުރުފުޅެއްގައި" ކަމަށެވެ. އެ ދަތުރުގެ އެއްވެސް ތަފުސީލެއް މިއުވާން ނުދެއްވަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުގައި ވެސް ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ސްރީ ލަންކާއަށް ވަޑައިގެންފަ އެވެ. އެދެކަނބަލުންގެ އާއިލީ ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ލަންކާގަ އެވެ.
ރައީސް މިއަދު ސްރީ ލަންކާއަށް ވަޑައިގެންނެވިއިރު އެމަނިކުފާނު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާތީ އެ އިންތިހާބުގެ ކެމްޕެއިން ވަނީ ފައްޓަވައިފަ އެވެ. އަދި އިއްޔެ ރައީސް ވަނީ ނޫސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަދުވެގެން ފަސް ފަހަރު ރައީސް ސޯލިހު ވަނީ ސްރީ ލަންކާއަށް ވަޑައިގެންފަ އެވެ. އެންމެ ފުރަތަމަ ރައީސް ސޯލިހު ލަންކާއަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ޖެނުއަރީ 3، 2019 ގަ އެވެ. އޭގެ ފަހުން އެ އަހަރުގެ ޑިސެމްބަރު 31، ގައި ވެސް ލަންކާއަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި އެވެ.

އޭގެ އިތުރުން، ޖޫން، 2021، ގައި ވެސް ހަމަ ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު ރަސްމީ ދަތުރުފުޅެއްގައި ވެސް ރައީސްގެ ދެކަނބަލުން ސްރީ ލަންކާއަށް ވަޑައިގެންނެވި އެވެ.











