ލ. ގަމުގެ މަގުތައް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.
އެއްބަސްވުމުގައިވާ ގޮތުން އެ މަޝްރޫއުގެ ދަށުން ގަމުގެ 4.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި ފެންދާ ހިންދާ ނިޒާމު ގާއިމްކުރުމާއި، މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
104 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެއީ ގާތްގަނޑަކަށް އެއް އަހަރާއި އަށް މަސް ދުވަހެވެ.












