އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނެތް، ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 457 މެމްބަރުންނާއެކު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމުކޮށްފި އެވެ.
އެމްޑީޕީއިން އާންމުކުރި ވޯޓާސް ލިސްޓުގައި އޮތީ 57،714 މީހުންގެ ނަމެވެ. ނަމަވެސް މި ނޫހުން ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަނުގެ ދަފްތަރުގައި ތިބީ އެ އެމްޑީޕީގެ 57،257 މީހުން ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނެތް 457 މީހަކު އެމްޑީޕީގެ ވޯޓާސް ލިސްޓުގައި އެބަ އޮތެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ ކޮމިޝަނުގެ ލިސްޓުގައި ނެތް ނަމަވެސް ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންނަކީ، މި ހިނގާ ޑިސެމްބަރު 18، ގެ ކުރިން އެ ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާފައިވާ މީހުން ކަމަށެވެ.
ވަހީދު ވިދާޅުވީ ކޮމިޝަނުގެ ދަފްތަރުގައި ނެތް ނަމަވެސް ފަހުން ޕާޓީއަށް ވަން މީހުންގެ ފޯމުތައް ވެސް މިހާރު ވަނީ ކޮމިޝަނަށް ޕްރޮސެސް ކުރުމަށް ދީފަ އެވެ. އަދި އެއީ އެހެން އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކެއްކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަބީބު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރަށް އެއްވެސް ނަމެއް ވައްދަނީ ސައްހަކަން ޔަގީން ކުރުމަށްފަހު ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން މި ބަލާ ލިސްޓަކީ އަޅުގަނޑުމެންނަށް ފޯމުތައް ހުށަހެޅިގެން އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްފަ ޕްރޮސެސްކުރާ ލިސްޓެއް،" ހަބީބު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެބޭފުޅުންގެ ކެމްޕެއިނު ވެސް މިހާރު ފޯރީގައި ކުރިއަށްދާއިރު އެމްޑީޕީގެ މެމްބަރުންގެ ލިސްޓު ގަޑުބަޑުވެފައިވާ ކަމަށް ނަޝީދު ދަނީ ތުހުމަތު ކުރައްވަމުންނެވެ.
ނަޝީދުގެ އެންމެ ބޮޑު މައްސަލައަކީ، އެމްޑީޕީގެ މެމްބަރުންގެ ދަފުތަރު އިސްލާހު ކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު އެ ޕާޓީގެ ދަފްތަރުން 39،000 އަށް ވުރެ ގިނަ މެމްބަރުން މަދުވުމުންނެވެ. ނަމަވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ބުނަނީ، ދަފްތަރު ގަޑުބަޑުވެފައި އޮތީ އިސްލާހު ކުރުމުގެ ކުރިން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް ވަގު ލިސްޓުތަކެއް ވައްދާ ކަމަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ބުނެ އެވެ.
"ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް،" މި ޑިސެމްބަރު މަހު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.












