ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލުނު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، 11 ފަރާތަކަށް މަދަނީ ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން މިހާތަނަށް ޖިނާއީ ދައުވާތަކެއް ކުރި ނަމަވެސް، އެ ދައުވާތައް މެދުވެރިކޮށް ވެސް މިހާތަނަށް ދައުލަތަށް އެއްވެސް ފައިސާއެއް ހޯދިފައެއް ނުވެ އެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅުން ހުރި މަދަނީ މައްސަލައެއް ވެސް ސިވިލް ކޯޓަށް ހުށަހަޅާފައެއް ނެތެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުވީ ވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ނުކުރެވި އޮތް ސަބަބާ ގުޅޭ ގޮތުންނެވެ.
އޭގެ ޖަވާބުގައި ރައީސް ވަނީ މިހާތަނަށް ކުރެވިފައިވާ މަސައްކަތަކީ އަމިއްލަ ފަރުދުންނާއި ކުންފުނިތަކެއް ހިމެނޭ ގޮތަށް 11 ފަރާތެއްގެ ފަރާތުން ފައިސާ ހޯދުމަށް މަދަނީ ދައުވާތަކެއް ކުރުމަށް އެމްއެމްޕީއާރުސީއަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފޮނުވާފައި އޮންނާނެ ކަމަށެވެ.
"މިހާރު ވެސް މީހުނާއި ބައެއް ކުންފުނިތައް ވެސް ހިމެނޭ ގޮތަށް 11 ފަރާތެއްގެ ފަރާތުން ފައިސާ ހޯދުމަށް މަދަނީ ދައުވާ ކުރުމަށް އެމްއެމްޕީއާރުސީއަށް ފޮނުވާފައި، އެ ކަންތައް ހަލުއިކޮށް ކުރިއަށް ގެންދިއުން ދެން އޮތީ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމާއި ކޮން ބަޔަކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ. އަދި މި ކަމާ ގުޅޭ އެއްވެސް ތަފްސީލެއް އޭޖީ އޮފީސް އަދި އެމްއެމްޕީއާރުސީން ވެސް ހާމަކޮށްފައެއް ނެތެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ޔާމީން އަތުން އެއް މިލިއަން ޑޮލަރު ހޯދަން މައްސަލަ ހުށަހަޅަން ނިންމި އެވެ.












