ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކޮޅުފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ރައީސް މިއަދު ކޮޅުފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މިއަދު ކޮޅުފުށީގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމެޖެހިފަ އެވެ. މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މ. އަތޮޅު މަދަރުސާގައި މިއަދު ހެނދުނު 10:30 ގަ އެވެ.
އެއްބައިވަންތަކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.
އެ ދުވަސް ފާހަގަކުރަނީ ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އާ ގުޅިގެން އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެއްބައިވަންތަކަމުގެ ދުވަސް މި އަހަރު ފާހަގަކުރަނީ މ.ކޮޅުފުށީގަ އެވެ. މިރަށަކީ ސުނާމީގައި އެންމެ ބޮޑު ގެއްލުން ލިބިފައިވާ އެއް ރަށެވެ.












