މީކާއިލް ރައީސް ސޯލިހުގެ ފަޅިއަށް؛ "އެއީ އާދަޔާހިލާފު ނަމޫނާ ލީޑަރެއް"

މީކާއިލް ރައީސް ސޯލިހުގެ ފަޅިއަށް؛ "އެއީ އާދަޔާހިލާފު ނަމޫނާ ލީޑަރެއް"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފަޅި ބަދަލުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާކަން މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވަނިކޮށް މީކާއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިން ފާޑުކީ ނަމަވެސް ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމީ ފާޑުކިޔުންތަކާއެކުގައި ވެސް ގައުމަށްޓަކައި ރައީސް ދެއްކެވި ނަމޫނާ ލީޑަޝިޕްގެ ސަބަބުންނެވެ.

ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު މީކާއިލް އެންމެ ފުރަތަމަ ފާހަގަވެގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި މެންބަރެއްގެ ގޮތުގަ އެވެ. އެގޮތުން މަޖިލިސް ތަޅުމުގައި ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސީދާ ރައީސަށް ވެސް ފާޑުވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަހުސް ކުރިއަށް ދިޔައިރު މީކާއިލް ވަނީ ރައީސް ސޯލިހަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ނަޝީދު ފެކްޝަނުން ތިބި ނަމަވެސް މީކާއިލް ވޯޓު ދެއްވީ ސަރުކާރާ އެއް ކޮޅަށެވެ.

އެކަމާ ގުޅިގެން އެއިރު ސުވާލުކުރުމުން މީކާއިލް ވަނީ ފަޅި ބަދަލުނުކުރާ ކަމަށާއި އެހެންނަމަވެސް ސިޔާސީ ގޮތުން ހިޔާލުތަފާތުވި ނަމަވެސް ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މީކާއިލްގެ އިތުރުން ވެސް ނަޝީދު ފަޅީގައި ތިއްބެވި ބައެއް މެންބަރުން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާ ކަން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ނަޝީދާއެކު ބަރުލަމާނީ މަސައްކަތުގައި ހަރަކާތްތެރިވި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހިމެނެ އެވެ.

އަންނަ މަހު ފަހުކޮޅު ބާއްވަން ތާވަލްކޮށްފައިވާ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅާފައިވަނީ ރައީސް ސޯލިހާއި ނަޝީދެވެ.

ނަޝީދު ޕްރައިމަރީގައި ވާދަ ކުރައްވަނީ ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ހިޔާލު ތަފާތުވުން އުފެދުނީ ރިޔާސީ ޕްރައިމަރީގެ ކުރިން ވާހަކަ ދައްކަން ޖެހޭނީ ދައުލަތް ހިންގުމުގެ ނިޒާމާ ގުޅޭ ގޮތުން ކަމަށް ބުނެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ފައިނެންގެވި ހިސާބުންނެވެ.

އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމާ ހަމައަށް އެޕާޓީގެ ދަފްތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ނަަމަވެސް ރިޔާސީ އިންތިހާބާ ކުރިމަރިލާން ޖެހިވަޑައިގަތް އިރު އެ މަނިކުފާނަށް ކުރިމަތިލެއްވޭ ގޮތް ނުވުމުން، އެ ފުރުސަތު އެމަނިކުފާނުގެ އޭރުގެ އެންމެ އަރިސް ބޭފުޅާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވި އެވެ. އެކަން ނިންމީ އެމްޑީޕީގެ ކޮންގްރެސްއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox