އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯމު ހުށަހަޅުއްވައިފި އެވެ.
ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭނު މެނޭޖަރުކަން ކުރައްވާ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ފޯމު ހުށަހެޅުއްވީ 20،000 މެންބަރުންގެ ތާއީދާ އެކުގައި ކަމަށެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅަން އަންގާފައިވަނީ މަދުވެގެން 500 މެންބަރުންގެ ތާއީދާއެކު އެވެ.
ރައީސް ސޯލިހު ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނުގެ ކެމްޕޭން ޖަލްސާތައް ވަނީ ފަށާފަ އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަގަހަ ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ސަރުކާރުގެ ގިނަ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދު ވާދަކުރައްވުމަށް ފޯމު ހުށަހެޅުއްވީ 500 މެންބަރުންގެ ތާއިދާއެކު ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

ދެ ރައީސުންގެ ފޯމު ހުށަހަޅުއްވައި ކެމްޕޭނު ފަށާފައިވާއިރު ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ފާޅުގައި ބަހުގެ ހަމަލާތައް ބަދަލުކުރަން ވަނީ ފަށާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވަނީ މި ސަރުކާރުން ވައުދުތައް ނުފުއްދާ ކަމަށްބުނެ ރައީސް ސޯލިހުގެ ވެރިކަން މި ނިމެނީ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމާ ހަމައަށް އެޕާޓީގެ ދަފްތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ.
ނަމަވެސް ޕާޓީގެ ނަޝީދު ވަނީ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ރައީސް ސޯލިހު ވަކިކުރެއްވި ކަމަށް ތުހުމަތުކޮށް ޕާޓީގެ ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަަވެސް، ނަޝީދުގެ މި ތުހުމަތުތައް ދޮގުކޮށް ނެރުނު ބަޔާނެއްގައި އެމްޑީޕީއިން ބުނެފައިވަނީ އެ ޕާޓީގެ ދަފުތަރަކީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުންދާ ދަފުތަރެއް ކަމުގައި ބުނެފަ އެވެ.












