އެމްޑީޕީގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައި ވޭތޯ ބެލުމަށް އެ ޕާޓީއިން އެދިއްޖެ އެވެ.
މިއަދު އެމްޑީޕީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެގޮތަށް އެހެން ޕާޓީއަކަށް ވައްދާފައިވާނަމަ، އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން އަލުން ޕާޓީއަށް ރުޖޫއަ ކޮށްދޭނެ ކަމަށެވެ.
އެ ޓުވީޓު ހިއްސާކުރައްވަމުން އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސް ރޮޒައިނާ އާދަމް ވެސް ވަނީ ޕާޓީގެ ދަފުތަރުގައި ނަން އޮތްތޯ ޔަގީން ކުރުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.
"އީސީ އިން ކުރީގަ ޕާޓީގަ އޮތް ކަމަށް ދައްކާ ބޭފުޅަކު މިހާރު ނެތްނަމަ ނުވަތަ އެހެން ޕާޓީއެއްގަ އޮތް ކަމަށް ދައްކާނަމަ އަވަހަށް ޝަކުވާ ފޯމު ހުށައަޅުއްވާ," ރޮޒައިނާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
އެމްޑީޕީ މެންބަރުންގެ ދަފުތަރާމެދު ސުވާލުތަކެއް އުފެދިގެން ގޮސްފައިވަނީ އަންނަ މަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތުހުމަތަކާ އެކު އެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވަނީ އެ ޕާޓީގެ 40،000 އެއްހާ މެންބަރުން އެންގުމަކާ ޕާޓީއިން ވަކިކޮށްފައިވާ ކަމަށާއި، ޕާޓީގެ ދަފުތަރު ގަޑުބަޑު ވެފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"މި ޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން 40 ޕަސެންޓު މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލާ ބާއްވާ އިންތިހާބަކީ 2023 ގެ ރިޔާސީ އިންތިހާބުގައި މި ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެ ކަމެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ތުހުމަތުތައް ދޮގުކޮށް އެމްޑީޕީގެ ސެކެޓްރިއޭޓުން ނެރުނު އެ ބަޔާނުގައި ބުނެފައި އޮތީ އެ ޕާޓީގެ ދަފުތަރު އޮތީ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތަށް ކަމަށެވެ. އަދި މި އަހަރުގެ ކުރީކޮޅު ޕާޓީގެ ދަފުތަރުގައި މައްސަލަތަކެއް ހުރި ކަމަށް ފެނި ޕާޓީގެ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އެހެން ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ތިބި ބަޔަކު ވަކިކޮށް ޕާޓީގެ ދަފުތަރު 'އިސްލާހު' ކުރި ކަމަށެވެ.
އެކަން ކޮށްފައިވަނީ މި އަހަރުގެ މެއި މަހު އެވެ. އޭރު އެހެން ޕާޓީތަކުގެ ދަފުތަރުގައި ތިބި ފަރާތްތަކަށް އެކަން ހައްލުކުރަން ތިން މަހުގެ މުއްދަތެއް ދިން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ވާދަކުރައްވާ ރައީސް ސޯލިހު އަދި ޕާޓީގެ ރައީސް ނަޝީދުގެ ޓީމުތަކުން އަންނަނީ ޕްރައިމަރީއަށް ފޯމުލުމަށް ބޭނުންވާ 500 މީހުންގެ ތާއިދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.












