ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ބާރު ބޮޑުވެ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓުން ޗެކިން ވުމަށް އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެ އެވެ.
އެމްއޭސީއެލް އިން ކުރި ޓްްވީޓެއްގައި ބުނީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމުން އެއާޕޯޓުގެ ބާރު ބޮޑު ކަމަށެވެ. ފްލައިޓް ޑިލޭވުމާއި ކިއުތައް ދިގުލައިގެން ދިއުން ފަދަ ކަންކަން ދިމާވާނެތީ ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިންވުމަށް އެމްއޭސީއެލްއިން އެދިފައި ވެއެވެ.
އަދި ޗެކިންވުމުގެ ކުރިން އިމުގާ ފޯމު ފުރުމަށްް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރެއްކަމުން އަތޮޅު ތެރެއިން އެކި ކަންކަމުގައި ވައިގެ މަގުން މާލެ އަންްނަ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވެ އެވެ.
އަދި ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ އެކު ރާއްޖެއިން ބޭރުން އަންނަ މީހުންގެ އަދަދު ވެސް އަހަރުގެ އެހެން ހިސާބުތަކާ އަޅާ ބަލާއިރު މި ދުވަސްވަރު ބޮޑުތަނުން އިތުރެވެ.













