ޕްލާސްޓިކުގެ ބައެއް ބާވަތްތައް ރާއްޖެއިން މަނާ ކުރުމުގެ ބޭނުމުގައި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، 500 އެމްއެލަށްވުރެ ކުދި ޕްލާސްޓިކު ފެންފުޅި އާއި ބައެއް އެހެން ތަކެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މަނާކޮށްފި އެވެ.
ރާއްޖޭގައި ޕްލާސްޓިކު ފޭސް އައުޓް ކުރުމުގެ ޕްރޮގްރާމް ހިންގަނީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ މާއްދާގެ ދަށުން މަނާވާނެ ޕްލާސްޓިކުގެ ބާވަތްތަކާއި ތާރީހުތައް ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ރައީސް ރޭ 9:30 ގައި ޝާއިއު ކުރެއްވި ގަރާރުގައިވާ ގޮތުން ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 އަށްވުރެ ކުޑަ މިލިލީޓަރުގެ ކުދި ޕްލާސްޓިކު ފެންފުޅި އުފެއްދުމާއި ބޭނުން ކުރުން އިއްޔެއިން ފެށިގެން ރާއްޖޭގައި މަނާވާނެ އެވެ.
އެ ގަރާރުގެ ދަށުން، ފެނުގެ އިތުރުން ވެސް ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 އެމްއެލަށް ވުރެ ކުދި ޕްލާސްޓިކު ފުޅީގައި ހުންނަ ތައްޔާރީ ބުއިންތައް ވެސް މަނާވާނެ އެވެ.
ގަރާރުގެ ދަށުން މަނާވާނެ ތަކެތި
- ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ހޮޅި
- ޕްލާސްޓިކު ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާ ތަކެތި ގިރަން ބޭނުން ކުރާ ދަނޑިކޮޅު
- ކާބޯތަކެތި ބަންދު ކުރާ ސްޓައިރޮފޯމް ފޮށި
- 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު
- ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯނަށްވުރެ ތުނި ކޮތަޅު
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓް ކުރާ ސުޕާރި
- 50 އެމްއެލަށް ވުރެ ކުޑަ ޕްލާސްޓިކު ތަށި
- 50 އާއި 200 އެމްއެލާ ދެމެދު ހުންނަ ޕްލާސްޓިކު ޝޭމްޕޫ ފުޅި
- 500 އެމްއެލަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި
- 500 އެމްއެލަށް ވުރެ ކުދި ޕްލާސްޓިކު އެހެން ދިޔާތަކެތި
- ރާއްޖޭގައި އުފައްދާ އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފެންފުޅި (ޑިސެމްބަރު، 2023 އިން ފެށިގެން)
ޕްލާސްޓިކު މަނާ ކުރުމުގެ ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވީ ނޮވެމްބަރު، 2021 ގަ އެވެ. އެ ބިލު ތަސްދީގު ކުރެއްވުމާއެކު އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ތަކެތީގެ ލިސްޓެއް އެމަނިކުފާނު އެކުލަވާލަން ޖެހިވަޑައިގަތެވެ.

އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި މަނާ ކުރާ ތަކެތީގެ ލިސްޓު އެކުލަވާލައްވާއިރު، އެކި މަރުހަލާތަކަށް ބައްސަވާލައްވައިގެން އެ ތަކެތި މަނާ ކުރެއްވުމުގެ އިހްތިޔާރު ގާނޫނުގެ ދަށުން ރައީސްއަށް ލިބިވަޑައިގަންނަވަ އެވެ.












