ސޯޝަލްމީޑިއާގައި ކަށުނަމާދުގެ ތަފުސީލު އާންމުކުރާ ޕޭޖުން އެކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކާއި ޓުވިޓާގައި "ކަށުނަމާދު" އެކައުންޓު ހިންގާ އަހުމަދު މުނައްވަރު މި ނޫހާ ވާހަކަ ދައްކަމުން ބުނީ، ކަށުނަމާދު އިއުލާނު ކުރުން ހުއްޓާލަން އެންގީ އޭނާއަކީ ކައުންސިލުގެ މުވައްޒަފަކަށްވެފައި، އެ ކަމަކީ ކައުންސިލުން ކުރަންޖެހޭ މަސައްކަތެއް ކަމަށް ބުނެ ކަމަށެވެ.
އެކަމަކު، މިހާތަނަށް މާލޭ ސިޓީ ކައުންސިލުން ކަށުނަމާދު އެއްވެސް މިންވަރަކަށް އިއުލާނުކޮށްފައިނުވާ ކަމަށް މުނައްވަރު ބުންޏެވެ. އަދި ބުނީ އޭނާ ދެކޭ ގޮތުގައި ކަށުނަމާދު އިއުލާނު ކުރުމަކީ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ވެސް ކަށުނަމާދު އިއުލާނު ކުރަމުންދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
އެ މައްސަލައިގައި ސިޓީ ކައުންސިލުގެ ބަހެއް މިހާތަނަށް މި ނޫހަށް ލިބިފައެއް ނުވެ އެވެ.
ޖެނުއަރީ، 2015، ގައި އުފެއްދި ފޭސްބުކްގެ ކަށުނަމާދު ޕޭޖަށް 70،600 އަށް ވުރެ ގިނަ މީހުން ލައިކްކޮށްފައިވެ އެވެ. އަދި 75،700 މީހުން ފޭސްބުކްގައި އެ ޕޭޖަށް ފޮލޯ ކުރެ އެވެ. ކަށުނަމާދުގެ އެކައުންޓެއް ޓުވިޓާގައި ހެދީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ޓުވިޓާގައި 178 މީހުން ކަށުނަމާދު އެކައުންޓަށް ފޮލޯ ކުރެ އެވެ.














