އަންހެނުންނަށް ކުރާ އަނިޔާ އާއި މިންތީގެ ގޮޮތުން ކުރާ އަނިޔާ ހުއްޓުވުމަށް ދިރާގާއި ހޯޕް ފޯ ވިމެން ގުޅިގެން ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕެއް ބާއްވާއިފި އެވެ.
ދިރާގާއި ހޯޕް ފޯ ވިމެން އެންޖީއޯ ގުޅިގެން ބައިނަލްއަގުވާމީ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ވޯކްޝޮޕް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސީއެސްއޯތަކާއި އެސްއޯއީތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ފަރުދުންނަށް ކަމަށް ދިރާގުން ބުނެ އެވެ.
އެ ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލައި ގެވެށި އަނިޔާ އާއި މިންތީގެ ގޮތުން ދޭ އަނިޔާ ހުއްޓުވުމަށް އެއްބާރުލުންދިނުން ކަމަށް ދިރާގުން ވަނީ ބުނެ އެވެ.
އެ ވޯކްޝޮޕްގެ ތެރެއިން ކޮންސެޕްޓްތަކާއި ޖެންޑާ މެއިންސްޓްރީމިން އާއި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ އިތުރުން މިންތީގެ ތަފާތުކުރުމާއި ދެކޮޅަށް ވަކާލާތުކުކުރުމުގެ ހަރުދަނާ ގޮތްތަކާއި ހޭލުންތެރިކަން އިތުރުކޮށް ގައުމީ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނެވެ.
"އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާންމުންވެސް، މުޖުތަމައުގައި ހިނގާ މިންތީގެ ތަފާތުކުރުމާއި މައްސަލަތަކައި ބެހޭ ގޮތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ، އެކަންކަން ހައްލުކުރުމަށް ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ހޯޕް ފޯ ވިމެންގެ ޗެއާޕާސަން، އަހްމަދު އަންވަރު ވިދާޅުވި އެވެ.

ހޯޕް ފޯ ވިމެންއަކީ 2010 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ހުއްޓާލައި، މިންތީގެ ހަމަހަމަކަމާއި އާންމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުން ކުރިއެރުވުމަށް މަސައްކަތްު ކުރާ ޖަމިއްޔާއެކެވެ.
ވޭތުވެދިޔަ 10 އަހަރު ތެރޭގައި ހޯޕް ފޯ ވިމެންއިން ވަނީ އެކިއެކި ވަކާލާތުކުރުމާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ. މިގޮތުން މި ވޯކްޝޮޕްތަކުގެ ސެޝަންސްތައް ކުރިއަށް ގެންދިޔައީ އެ ޖަމިއްޔާގެ ހޯޕް އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް ޓްރެއިނިންގެ ފަރާތުންނެވެ.
"ހޯޕް ފޯ ވިމެންއާއިއެކު މި މުހިންމު ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިގޮތުން އެކި ދާއިރާތަކުގެ އެކި ބޭފުޅުން އެއް މަގްސަދެއްގައި މި ވޯކްޝޮޕްގައި ބައިވެރިވަޑައިގެންކަމީ، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް،" ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވި އެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ވަނީ އެކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭންގައި އިސްކަންދޭ މައިގަޑު ދާއިރާތަކުގެ މައުލޫމާތު މުވައްޒަފުންނާއި އާންމުންނާއި ހިއްސާކޮށްފަ އެވެ. މިގޮތުން ހަމަހަމަ ފުރުސަތުތައް ފަހިކުރުމާއި މަސައްކަތުގެ މާހައުލަށް އިސްކަންދިނުމާއި ހާއްސަކޮށް ޓެކްނިކަލް ދާއިރާތަކުގައި އަންހެނުން ކުރިއެރުވުން ހިމެނެ އެވެ.
ދިރާގުން އަންނަނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމްތަކުގެ ދަށުން އަންހެނުންނަށް ހިތްވަރުދީ ބާރުވެރިކުރުމުގެ ހަރަކާތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.













