މޯބައިލް ބޭންކިން ނުވަތަ އިންޓަނެޓު ބޭންކިން އިން ކުރާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް ނުވަތަ އޯޓީޕީ، އޮތެންޓިކޭޓާ އެޕްލިކޭޝަންސްތައް މެދުވެރިކޮށް ޖެނެރޭޓް ކުރެވޭ ގޮތް ހަދައި، ފައިސާގެ ޑިޖިޓަލް ޓްރާންސެކްޝަންތަކަށް ސަލާމަތީ އިތުރު ފިޔަވަޅެއް ބޭންކް އޮފް މޯލްޑިވްސް އިން އަޅައިފި އެވެ.
އެ ބަދަލާއެކު، ޑިސެމްބަރު 20، އިން ފެށިގެން އީމެއިލަށް އޯޓީޕީ ލިބޭ ގޮތް ހެދޭނީ ބޭންކުން އެމީހެއްގެ މައުލޫމާތު އިތުރަށް ޔަގީން ކުރުމަށްފަހެވެ. އެހެންކަމުން، ދެން އާންމު އުސޫލެއްގެ ގޮތުން އޯޓީޕީ ޖެނެރޭޓް ކުރެވޭނީ އެސްއެމްއެސް އަދި އޮތެންޓިކޭޓާސްގެ އެޕްލިކޭޝަންތަކުންނެވެ.
ގޫގަލް އަދި މައިކްރޯސޮފްޓުން ވެސް އޮތެންޓިކޭޓާސް އެޕް ލިބޭނެ އެވެ. މޯބައިލް ބޭންކިންގެ ސެޓިންގްސްއަށް ގޮސް މިހާރު އޯތެންޓިކޭޓާސް އެޕްލިކޭޝަންސް އެނޭބަލްކޮށް އެއިން އޯޓީޕީ ޖެނެރޭޓް ކުރެވޭ ގޮތަށް ހެދޭނެ އެވެ. އެއިރުން އެފަދަ އެޕެއް ޑައުންލޯޑް ކުރަންޖެހޭނެ އެވެ.
"ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވޭ. މީގެ ނަތީޖާއަކީ އީމެއިލް އަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބިގެން ދިޔުން. އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައި ވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ،" ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކާ ވިދާޅުވި އެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ މަކަރާ ހީލަތް ހަދާ ފަރާތްތަކާ ކުރިމަތިލުމަށް ބޭންކުން ވެސް ދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް މިދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުން. އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރެއްވުން،" ބޭންކުގެ ސީއީއޯ އިތުރަށް ވިދާޅުވި އެވެ.
މީގެ 40 އަހަރު ކުރިން އުފެއްދި ބޭންކް އޮފް މޯލްޑިވްސްއަކީ ދިވެހި ސަރުކާރުން ހިންގާ ހަމައެކަނި ބޭންކެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ބޭންކުގައި 295،000 ކަސްޓަމަރުން ތިބި ކަމަށް އެ ކުންފުނީގެ ރިޕޯޓުތަކުން ދައްކަ އެވެ.












