ވައި ނުސާފު މިންވަރު ބެލުމަށް ހުޅުމާލޭގައި މޮނިޓަރިން ސިސްޓަމްތަކެއް ހަރުކުރުމަށް އެންވައިރަމެންޓް މިނިސްޓްރީން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެންވައިރަމެންޓް މިނިސްޓްރީން އިއްޔެ ބުނީ 'އެއާ ކޮލިޓީ' މޮނިޓާ ކުރާ ދެ ސިސްޓަމް ހަދިޔާ ކޮށްފައިވަނީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކަމަށެވެ.
މި ދެ ސިސްޓަމް ވެސް ހުޅުމާލެގައި ހަރުކުރުމަށް އިއްޔެ ވަނީ އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި ސްޓޭޝަން ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
"މި ސްޓޭޝަންގެ ޒަރީއާއިން ލިބޭ ޑާޓާ ބޭނުންކޮށްގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ޑާޓާ އާންމުންނަށް ފެންނާނެހެން ޝާއިއުކުރުމުގެ މަސައްކަތް އެޗްޑީސީއާއެކު މިނިސްޓްރީ ގުޅިގެން ކުރުމަށް ވަނީ ރާވާފައި" މިނިސްޓްރީން ބުނެފައިވެ އެވެ.
އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ވައިގެ ސާފު މިންވަރު ބެލުމަށް ކަނޑައަޅާފައިވާ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) މިންގަނޑާ އެއްގޮތަށް ހިނގާ މި ސިސްޓަމްތަކުގައި ވައިގެ ސާފު މިންވަރު އަންގައިދޭ ހަ ކުލައެއް ހިމެނޭނެ އެވެ.

މިހާތަނަށް ރާއްޖޭގެ އަށް ސަރަހައްދެއްގައި ވަނީ މިފަދަ ސިސްޓަމްތަކެއް ހަރުކޮށްފަ އެވެ. އެއީ ހދ. ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ.ގަން، ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގަ އެވެ.
ވަރަށް އަވަހަށް މިފަދަ ސިސްޓަމްތައް މާލެއާއި ވިލިމާލޭގައި ވެސް ހަރުކުރާނެ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުނެ އެވެ.












