މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އުރި ލިބުނު ގެއްލުމުގެ ބަދަލުގައި އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންނީގެ މައްޗަށް ކުރި ޖޫރިމަނާ އެ ކުންފުނިން އިސްތިއުނާފުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވަނީ "އަދަދު" އަށް މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
"ޖޫރިމަނާ އިސްތިއުނާފުކޮށް މުރާޖައާ ކުރުމަށް މިނިސްޓްރީއަށް ވަނީ ހުށަހެޅިފައި، މައްސަލަ ބެލޭ މިންވަރަކުން ތަފުސީލުތައް އަރުވާނަން," އަލީ ސޯލިހު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ކުންފުނި 69.4 މިލިޔަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އީޕީއޭއިން މި ނިންމުން ނިންމީ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީ އިން އަދި އެފްކޮންސްއިން އަމިއްލައަށް ކުރި ސާވޭތަކުގެ ރިޕޯޓުތަކަށް ބެލުމަށްފަހު އެވެ.
އީޕީއޭގެ ސާވޭއިން ދެއްކި ގޮތުން ޕްލެޓްފޯމު ފަރަށް އެރުމުގެ ސަބަބުން ފަރުގައި 10 ފޫޓުގެ ބާގަނޑުތަކެއް ހެދި ގިނަ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އީޕީއޭއިން ކުރި ޖޫރިމަނާ ދެއްކުމަށް އެފްކޮންސްއަށް ދިނީ 30 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު މާދަމާއަށް ހަމަވާއިރު އެ ކުންފުނިން ވަނީ އެންމެ ފުރަތަމަ އީޕީއޭއިން ފަރަށް ލިބުނު ގެއްލުން ބެލުމަށް ކުރި ސާވޭ ވެސް ގަބޫލުނުކޮށް އަމިއްލަ ސާވޭއެއް ކުރުމަށް އެދިފަ އެވެ.
ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. ބާރަ ދުވަސް ވަންދެން ފަރުމަތީ އެ ޕްލެޓްފޯމް އޮތްއިރު އެފްކޯންސްއިން އޭރު ބުނީ ޕްލެޓްފޯމް ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.













