މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގދ. ފަރެސްމާތޮޑާގައި ބާއްވާ ހަފްލާގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެރަށަށް ފުރާވަޑައިގެންފި އެވެ.
ރައީސްގެ ދަތުރުގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެކި ކަންކަން ރައީސް ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިގޮތުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއް ވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެ އެވެ.
މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާ ގދ. ފަރެސްމާތޮޑާ ކައުންސިލާއި ބައެއް ކޮމެޓީތަކާއި މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ފާހަގަ ކުރާ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިއްޔެ ވަނީ މަސްވެރިންނަށް މަރުހަބާ ދަންނަވައި، މަސްވެރިންގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް،" ރައީސް އިއްޔެ ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވެ އެވެ.












