ފ. ނިލަންދޫ އާސާރީ މިސްކިތުގައި ހުރި މަހާނަ ގާތަކަށް ގެއްލުންދީފައި ވަނީ ބަޔަކު ގަސްތުގައި ކަމަށް އެ ރަށު ކައުންސިލްގެ ރައީސް، އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހަށް އެކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން އަލީ އަހުމަދު ވިދާޅުވީ އެ މިސްކިތް ސާފުކޮށް ބަލަހައްޓާ މީހުން މިއަދު ހެނދުނު އެ ތަނަށް ގޮސް އުޅުނުއިރު ވެސް އެ ގާތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
"ގާތް ގަނޑަކަށް މިއަދު ހެނދުނު ނުވައެއް ދިހައެއް ޖަހާލާ ހާއިރު، މި އަތޮޅުގެ އެހެން ރަށެއްގެ ބަޔަކު އެ މިސްކިތަށް ޒިޔާރަތް ކުރި، އޭގެ ފަހުން އެތަނަށް ބަޔަކު ނުދޭ،" އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އެ ގާތަކަށް ގެއްލުން ދީފައި ހުއްޓާ ފެނުނީ އޭގެ ފަހުން ކަމަށެވެ. އާސާރީ މިސްކިތުގައި ހުރި ޒަމާންވީ މަހާނަ ގާތަކުގެ ތެރެއިން 11 ގަލެއް ހަލާކު ކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމަ ސީދާ ބަޔަކު ގަސްތުގައި ދީފައި އޮތް ގެއްލުމެއް، ހަމަ ގަސްތުގައި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.


ނިލަންދޫ އާސާރީ މިސްކިތުގައި ހުރި މަހާނަ ގާތަކުގެ ތެރެއިން ހަލާކު ކޮށްލާފައިވާ މަހާނަ ގަލެއް -- ފޮޓޯ: ސޯޝަލް މީޑިއާ
ނިލަންދޫގައި ހުންނަ އާސާރީ މިސްކިތަކީ މީލާދީ ސަނަތުން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމަށް ފަހުގައި ދަރުމަވަންތަ މަހާރަދުން އެ ރަށަށް ވަޑައިގެން ބިނާ ކުރެއްވި މިސްކިތެކެވެ. މިއީ މާލޭގައި ހުންނަ ހުކުރު މިސްކިތާ އެކު އެ ރަދުން ބިނާ ކުރެއްވި ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ.
މާލޭ ހުކުރު މިސްކިތެކޭ އެއްގޮތަށް އަށް ސަތޭކަ އެތައް އަހަރެއްވެފައިވާ އެ މިސްކިތުގައި ވެސް އެ ދުވަސްވަރު މަރުވެފައިވާ މީހުން ވަޅުލާފައިވެ އެވެ. އޭގެތެރޭގައި ހަތް މުގުރިން (ޤުރުއާން ހިތުދަސް ހާފިޒުން) ގެ މަހާނަ ވެސް ހިމެނެ އެވެ.
އަލީ ވިދާޅުވީ އެ ރަށަކީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން މީހުން ދިރިއުޅެމުން އަންނަ ރަށެއްކަން ތާރީހުން ވެސް އެނގެން އޮންނާނެ ކަމަށާއި މިހައި ދުވަސްވެގެންދިޔަ އިރުވެސް އެ ތަނަށް އެއްވެސް ގެއްލުމެއް ނިލަންދޫ މީހަކު ދީފައި ނުވާ ކަމަށެވެ.
ނިލަންދޫ އަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގައި ފައްޅީގެ ރަށެއް ކަމުގައި ބުނެވެ އެވެ. ނިލަންދޫގައި ހުންނަ "ފޯއްމަތި" ގެ ނަމުން ނަން ދީފައިވާ އުސް ފަސްގަނޑަކީ އެ ރަށުގައި ހުރި ބޮޑު ބުދު ކޯލު ހުރި ތަން ކަމަށް ބުނެވެ އެވެ. އެ ރަށަކީ މިފަދަ އެތައް ގޮތަކުން ދިވެހި ތާރީހާ ގުޅިފައިވާ ރަށެކެވެ.
ފ. ނިލަންދޫގައި ހުންނަ އާސާރީ މިސްކިތު ގޯތި ތެރޭގައި ހުރި މަހާނަ ގާތަކަކަށް މިއަދު ބަޔަކު ގެއްލުންދީފައި ވާއިރު މީގެ ކުރިން ވެސް މިފަދަ އާސާރީ ބައެއް ތަންތަނަށް މީހުން ގެއްލުން ދީފައިވާ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އެގޮތުން އެފަދަ ކަންކަން ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން އިންޒާރު ވެސް ދީފައިވެ އެވެ.
ނިލަންދޫ އާސާރީ މިސްކިތުގައި ހުރި މަހާނަ ގާތަކަށް ބަޔަކު ގެއްލުންދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނާއިރު، އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.












