ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގުމަށް ވެސް ރުހިވަޑައިނުގަންނަވާ ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ހާސިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތާބުގަ އެވެ.
މުޅި ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ އަޒުމުގައި ބައިނަލްއަގްވާމީ ދުވަހެއް ކަނޑައަޅާފައި އޮތުމުން، ކޮރަޕްޝަންގެ ވިހަ މުޅި ދުނިޔެއަށް ފެތުރިފައިވާ މިންވަރު ވަޒަންކޮށްލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އޮތް މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
"ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ފެށިގެން އެންމެ ފަގީރު ގައުމުތަކުގައި ވެސް، ކޮރަޕްޝަންގެ ވަބާ އޮތީ ފެތުރި އާންމުވެފަ އެވެ. ދުނިޔޭގެ އިރުން ހުޅަނގަށް އަދި އުތުރުން ދެކުނަށް ހުރި ހުރިހާ ގައުމުތަކެއް، ކޮރަޕްޝަންގެ ގެއްލުމާ ކުރިމަތިލާން ޖެހިފައިވާއިރު، މި ނުރައްކާތެރި ވަބާގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ރާއްޖެވެސް ސަލާމަތެއް ނުވެ އެވެ." ހިތާބުގައި ރައީސް ފާހަގަކުރެއްވި އެވެ.
ކޮރަޕްޝަން އާންމުވެއްޖެނަމަ އެކަމުގެ އަސަރު ނުކުރާ އެއްވެސް ދާއިރާއެއް ނޯންނާނެ ކަމަށާއި އޭގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ގައުމީ ތަރައްގީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި މުޖްތަމައުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރު ވެއެވެ. ކޮރަޕްޝަންގެ އަމަލުތަކަކީ، ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫން،" ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވި އެވެ.
އެގޮތުން، ކޮރަޕްޝަނާ ދެކޮޅަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެއީ އެންމެ މުއައްސަސާއަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ހަތަރު އަހަރު ގައުމީ ފެންވަރުގައި މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް، އަދިވެސް އިތުރަށް ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވިދާޅުވި އެވެ.
"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގާކަށްވެސް އަޅުގަނޑުމެން ނުރުހެމެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ގާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުއާމަލާތްތައް ހިންގުމަށް އަބަދުވެސް މިއަންނަނީ އިރުޝާދު ދެމުންނެވެ." މިއަދުގެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ އެއްވެސް އިދާރާއެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ އެކަމެއް ރިޕޯޓު ކުރުމަށް ރައީސް އެދިވަޑައިގަތެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިހުތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުމަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުން އިތުރުވާ ވަރަކަށް، ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދެނަގަނެވެ އެވެ. އަދި، މިނިވަންކަމާއެކު އެފަދަ މައްސަލަތައް ތަހުގީގުކުރާ ކަމުގެ ޔަގީންކަން އޮތުމުން، ކޮރަޕްޝަންގެ އަމަލުތައް ހިންގުން މަދުވާކަން ފާހަގަކުރެވެ އެވެ." ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އެދެވޭ ނަތީޖާއެއް ހާސިލުކުރެވޭނީ، އެއީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކި، ގައުމީ ފެންވަރުގައި އެކަމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، އާއިލާ އާއި މުޖުތަމައުގައި ވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ، މި ނުރައްކާތެރި ވަބާއިން މުޖްތަމައު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫން،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
މިފަދަ ދުވަހެއް މިއަދު ފާހަގަކުރަމުންދާއިރު ޓްރާންސްޕޭރެންސީ އިންޓާނެޝަނަލް އިން ނެރެފައިވާ 2021 ގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ އޮތީ 85 ވަނައިގަ އެވެ. މިއަހަރުގެ ރޭންކިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސީޕީއައި އިންޑެކްސް ގައިހިމެނޭ 180 ގައުމުގެ ތެރެއިން މިދިޔަ އަހަރު ރާއްޖެ ހިމެނެނީ 40 ޕޮއިންޓާ އެކު 85 ވަނަ ގިންތީގަ އެވެ. އޭގެ ކުރިން، 2020 ވަނަ އަހަރު ރާއްޖެ ގޮސްފައި ވަނީ 75 ވަނަ ގިންތިއަށެވެ. އެއީ 43 ޕޮއިންޓާ އެކު އެވެ.
ސީޕީއައި އަކީ 180 ގައުމު ހިމެނޭހެން އެ ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓުދޭ އިންޑެކްސްއެކެވެ. (100-0) ދެމެދުގެ މިންގަނޑެއް ބޭނުންކޮށް ގިންތިކުރެވޭ މި އިންޑެކްސްގައި 0 ރަމްޒުކޮށްދެނީ އެންމެ ކޮރަޕްޓު ދައުލަތްތަކެވެ. އަދި، 100 އަކީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދު، ހާމަކަން ބޮޑު އަދި ސާފު ގޮތަކަށް ހިންގަމުންދާ ދައުލަތްތަކެވެ.












