އިގުތިސޯދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމީ އުނދަގޫ އެހެން ނަމަވެސް ރަނގަޅު ނިންމުންތަކެއް ކަމަށާއި އެ ނިންމުންތަކުގެ ރަނގަޅު ނަތީޖާތައް ފެނިގެންދާނެ ކަމަށް ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް، މާޓިން ރެއިޒާ ވިދާޅުވެއްޖެ އެވެ.
ރެއިޒާ އެހެން ވިދާޅުވީ އިއްޔެ ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް އެ ބޭންކުން ދޭ އެއްބާރުލެއްވުމާއި އެހީތެރިކަން ބޮޑު ކަމަށެވެ. އަދި ބޭންކާއެކު އޮތް ބިނާކުރަނިވި ގުޅުމަށާއި ދިން ލަފައާ އެއްގޮތަށް އިގުތިސޯދީ ގޮތުން އެޅި ފިޔަވަޅުތަކަށް ވެސް ދެ ބޭފުޅުން އަލިއަޅުވާ ލެއްވި އެވެ.
އިގުތިސޯދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމީ އުނދަގޫ އެހެން ނަމަވެސް ރަނގަޅު ނިންމުންތަކެއް ކަމަށް ރެއިޒާ ވިދާޅުވި ނަމަވެސް، އެއީ ކޮން ނިންމުންތަކެއް ކަމަށް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ކޮވިޑުގެ ދަތިކަމުގައި ދުނިޔޭގެ ގިނަ ގައުމުތައް ބަންދުކޮށްފައި އޮއްވައި ރާއްޖޭގެ ބޯޑަރު ހުޅުވުމަކީ، އިގުތިސޯދަށް ދިރުން ލިބިގެންދިޔަ ރަނގަޅު ނިންމުމެއް ކަމަށް އެތެރެ އާއި ބޭރުން ފާހަގަކޮށްފައިވެ އެވެ. އަދި މި ފަހުން ޓެކްސް ބޮޑުކުރަން ނިންމި ނިންމުންތަކަށް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ބޭރުގެ ބައެއް ފަރާތްތަކުން އެ ނިންމުން ރަނގަޅުކަން ފާހަގަ ކުރެ އެވެ.
ރެއިޒާ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އެ ބޭންކުގެ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިގުތިސޯދީ ވިލުންތެރިކަމަށާއި ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އިންސާނީ ވަސީލަތް ބިނާކުރުކަން މާޓިން ފާހަގަ ކުރެއްވެވި އެވެ.
މި މަހު 7 ގައި ރެއިޒާ މާލެ ވަޑައިގަތުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހުރި ވޯލްޑް ބޭންކްގެ ކްލައިންޓުންނާއި ޕާޓްނަރުންނާ ބައްދަލު ކުރައްވައި ރާއްޖޭގެ ތަރައްގީއަށް އޮތް އިތުރު އާ ފުރުސަތުތަކެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.












