މިހާރު ބަންގާޅު ކަނޑުގައި އުފެދިފައިވާ ތޫފާން "މެންޑޯސް"ގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާ ބެހޭ އޮފީހުގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ، ތޫފާން މެންޑޯސްގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް އެ ތޫފާނުގެ ނުސީދާ އަސަރުތައް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށެވެ. ތޫފާން ހުރީ ބޭ އޮފް ބަންގާލްގެ އިންޑިއާގެ އިރުމަތީ އައްސޭރިފަށާ ކައިރީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތޫފާނާ ގުޅިގެން މިހާރު ވިއްސާރަ މިކުރަނީ. ސީދާ ގޮތަށް ނުކުރިޔަސް ނުސީދާ އަސަރު ރާއްޖެއަށް ކުރަމުން ދަނީ" އޭނާ ވިދާޅުވި އެވެ.
އެ ތޫފާން ދަތުރުކުރަމުން ދަނީ ހުޅަނގުން ހުޅަނގު އުތުރަށް ކަމަށާއި ތޫފާން ދަތުރުކުރަނީ އިންޑިއާގެ ޓަމިިލްނާޑޫގެ ހުޅަނގު އައްސޭރިފަށަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.
ކުރިއަށް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެގޮތުން ވައި ބާރުވެ ކަނޑުތައް ވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އޮފީހުން ބުނެ އެވެ.

މިއީ ހުޅަނގު މޫސުން ނިމޭ ދުވަސްކޮޅެވެ. ކޮންމެ އަހަރަކު ވެސް މިދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރެ އެވެ. މިހާރު ހިނގަމުން ދަނީ ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތް ކަމުގައިވާ ދޮށަ ނަކަތެވެ. ދޮށަނަކަތުގެ އެންްމެ ފަހު ދުވަހަކީ މާދަމާ އެވެ. އިރުވައި މޫސުން ފެށޭނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ހުޅަނގު މޫސުމުގައި 18 ނަކަތް އޮންނައިރު، އިރުވައި މޫސުމުގައި އޮންނަނީ ނުވަ ނަކަތެވެ. ނަކަތެއްގެ ދިގުމިނަކީ 13 ނުވަތަ 14 ދުވަހެވެ.













