ދ. ރިނބުދޫއިން މީގެ ޒަމާންތަކެއް ކުރިން ބޮލި ރައްކާކޮށްފައިވާ ބޮލިވަޅެއް ފެނިއްޖެ އެވެ.
ފުޅާމިނުގައި ގާތްގަނޑަކަށް ދެ ފޫޓު ހުރި މި ވަޅު ފެނިފައިވަނީ އެ ރަށު ސިއްހީ މަރުކަޒުގެ ދެކުނުން އޮންނަ މަގުގައި ނަރުދަމާ މަޝްރޫއަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ތިން ފޫޓެއްހައި ފުން މި ވަޅު ފެނުނު ސަރަހައްދަކީ މީގެ ކުރިން މީހުން ދިރިއުޅުނު ސަރަހައްދެއް ނޫން ކަމަށް އެ ރަށު ކައުންސިލު ބުނެ އެވެ.
"އެ ސަރަހައްދުގައި ކުރިން މީހުން އުޅުނު ކަން އެނގޭކަށް ނެތް، އެތަނުގެ މައުލޫމާތު އެނގޭ މީހަކު އަދި ނެތް،" ރިނބުދޫ ކައުންސިލްގެ ރައީސް، އަހުމަދު އިގުބާލު އަބްދުލް ގައްޔޫމް "އަދަދު" ނޫހަށް ވިދާޅުވި އެވެ.
މިއަދު އެ ރަށުން ފެނުނު ބޮލި ވަޅުގައި ގާތްގަނޑަކަށް ދެހާހާއި ގާތް ކުރާ އަދަދަކަށް ބޮލި ހުންނާނެ ކަމަށް އެ ރަށުގެ ކުރީގެ ކައުންސިލަރު އަދި މިހާރުގެ ދާރުލް އާސާރުގެ ވެރިޔާ، ހާތިމް އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދަކީ މީގެ ކުރީގައި ބޯކޮށް ވާ ހެދިފައި އޮތް ސަރަހައްދެއް ކަމަށާއި ފެންނަން ހުރި ކަންކަމަށް ބަލާއިރު އެ ވަޅަކީ ގާތްގަނޑަކަށް ގަރުނަކަށް ވުރެ ވެސް ގިނަ ދުވަސްވެފައިވާ ވަޅެއް ކަމަށް ބެލެވޭ ކަމަށެވެ.

"ފެންނަ އާސާރީ ހެކިތަކުން ވެސް މި ބުނެދެނީ ރިނބުދޫއަކީ އޭރުގެ ނިސްބަތުން މުއްސަނދިން އުޅުނު ރަށެއްކަން،" އޭނާ ވިދާޅުވި އެވެ.
ސަތާރަ ވަނަ ގަރުނުގައި އޭޝިއާ ބައްރުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައި އެކައްޗަކީ ދިވެހި ބޮއްޔެވެ. މީލާދީން 1248، ދުވަސްވަރު ރާއްޖެއަށް ދަތުރުކުރެއްވި އިބުނު ބަތޫތާ، އޭނާގެ ސަފަރު ނާމާގައި ވެސް އެ ވާހަކަ ލިޔުއްވާފައިވެ އެވެ.
ދ. ރިނބުދޫއަކީ އަތްތެރިކަމާއި ތިލޭރު ކަމަށް ޒަމާނުއްސުރެ ވަރަށް މަޝްހޫރު ރަށެކެވެ. ހާހަކަށް ވުރެ ގިނަ އަހަރު ކުރިން މީހުން ދިރިއުޅެން ފެށި އެ ރަށުގެ ރައްޔިތުންނަކީ މުޅި ރާއްޖޭގައި ވެސް އެ މަސައްކަތަށް އެންމެ ކުޅަދާނަ މީހުން ކަމަށް ޒަމާނުއްސުރެ ވެސް ކިޔާ އުޅެ އެވެ. ތިލޭރުކަން ކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅަށް އެ ރަށު މީހުން ދަތުރު ކޮށްފައިވާކަން ތާރީހީ ބައެއް ފަތްފުށްތަކުން ވެސް ފެންނަން އެބަ ހުއްޓެވެ. އެހެންކަމުން އެ ރަށުގެ ރައްޔިތުންނަކީ އެންމެ އިހު ޒަމާނުގައި ވެސް ވަރަށް ފުދުންތެރި ބައެއްކަމަށް ބުނެވެ އެވެ.
ހާތިމް ވިދާޅުވީ ރިނބުދޫއިން ފެނުނު ބޮލި ވަޅުގައި ހުރީ ކިހާ އަދަދެއްގެ ބޮލިތޯ ބަލައި އޭގެ ތާރީހު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު އެ ރަށު ކައުންސިލާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއީ ދ. ރިނބުދޫއިން ފެނުނު ދެވަނަ ބޮލި ވަޅެވެ. އެ ރަށަކީ މިހާރު ވެސް ތިލޭރުކަމުގައި މުޅި ރާއްޖެއަށް ވެސް މަޝްހޫރު ރަށެކެވެ. އެގޮތުން, އެ ރަށުގައި މިހާރު ވެސް ގިނަ ބަޔަކު އެ މަސައްކަތް ކުރެ އެވެ.
ރިނބުރޫއިން ފެނުނު ބޮލިވަޅުގެ މައުލޫމާތު މިހާރު ވަނީ ހެރިޓޭޖް މިނިސްޓްރީއަށް ހިއްސާކޮށްފަ އެވެ.
ރިނބުދޫގެ ކައުންސިލްގެ ނައިބު ރައީސް އަޝްރަފް ހަސަން "އަދަދު"އަށް ވިދާޅުވީ، ހެރިޓޭޖް މިނިސްޓްރީއަށް އެކަން ހިއްސާކުރުމުން, އަމަލު ކުރަން އެންގި ގޮތަށް ކަންކަން, އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބޮލިވަޅު ފެނުމުން އަމަލުކުރާނެ ގޮތް މިހާރު ކައުންސިލަށް އަންގާފައިވާނެ ކަމަށާއި އެގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.












