ގދ. ފަރެސް މާތޮޑާ ބާޚިރާ ދޯނިން އެއް ދުވަސްތެރޭގައި އެންމެ ގިނަ މަސް ބޭނި ރެކޯޑު ހޯދައިފި އެވެ.
މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ބާޚިރާ ދޯނިން މިއަދު ކޫއްޑޫ ފިޝަރީޒު ކޮމްޕްލެކްސްއަށް 58.6 ޓަނުގެ މަސް ބާނާފައިވާ ކަމަށެވެ.
އެ ދޯނިން ކިރުވި މަހުގެ އަގަށް 996,034ރ. ޖެހުނެވެ.
"މިއީ މިހާތަނަށް އެންމެ ގިނަ މަސް ކިރުވި ދޯނި. އެއް ދުވަހުގެ ތެރޭގައި އެންމެ ގިނައިން މަސް ބޭނި ރެކޯޑު،" އިސްމާއީލް ވިދާޅުވި އެވެ.
ބާހަރާ ދޯނީގެ ކުރިން އެ ރެކޯޑު އޮތީ ގދ. މަޑަވެލީ ޓީއެސް ދޯންޏަށެވެ. އެ ދޯނިން ރެކޯޑު ހެދީ މިދިޔަ ސެޕްޓެމްބަރު މަހު 57.15 ޓަނުގެ މަސް ބާނައިގެންނެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވެސް ޓީއެސް ދޯނިން އެއް ދުވަހުގެ ތެރޭގައި 50 ޓަނުގެ މަސް ބާނާފައިވެ އެވެ.
ވޭތުވެދިޔަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރެވެ. މިފްކޯއިން ބުނި ގޮތުގައި 2021 ގައި 58،350 ޓަނުގެ މަސް ގަނެފައިވާއިރު، 2020 ގައި ގަނެފައިވަނީ 49،000 ޓަނުގެ މަސް ކަމަށެވެ.











