މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑު ކަޕުގެ މެޗެއް ބައްލަވައިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު ލިބިވަޑައިގެންފައިވާތީ، ގަތަރަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީ ދެއްވި ދައުވަތަށް ރައީސް ސޯލިހު ވަޑައިގަންނަވާނީ ސެމީ ފައިނަލް މެޗެއް ނުވަތަ ފައިނަލް މެޗަށް ކަމަށެވެ.
އެހެން ކަމުން ރައީސް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ މި މަހުގެ 14 އާއި 18 އާއި ދެމެދުގެ ތާރީހެއްގަ އެވެ.
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މާދަމާ ރޭ ނިމޭއިރު ދެން ކުރިއަށް ދާނީ 16 ޓީމު ކުޅޭ ދެވަނަ ބުރުގެ މެޗުތަކެވެ.
ވޯލްޑު ކަޕާ ގުޅިގެން ރައީސް ސޯލިހު ގަތަރުގެ އަމީރަށް ފޮނުއްވި ސިޓީފުޅެއްގައި ވޯލްޑު ކަޕްގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށައި މި ވޯލްޑް ކަޕް މުސްލިމް ގައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާކަމަށާއި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ގަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ ހިކުމަތްތެރިކަމާ އެކީ ކުރިމަތިލާ ތަން ފެނުމަކީ އެކަމުން ހިތްވަރު ލިބޭ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.













