އެންވައިރަމެންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތް ހެދުމަށް ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހު ފާސްކުރި ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން މަނާ ވާނެ އެވެ. އަދި، ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޫކުރަން ވާނީ މިނިސްޓްރީން ހަދައި އާންމުކުރާ ގަވައިދެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅިއިރު، އެއްވެސް ފަރާތަކުން ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައި އޮތީ ބަޔާންކޮށްފަ އެވެ. މި ބަދަލު ގެނެސްފައިވަނީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.
މި ބަދަލާ ގުޅިގެން ކޮމިޓީ ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ގިނަ ގައުމުތަކަށް ކުންޏަކީ މިހާރު ވެސް ބޭނުންތެރި އެއްޗަކަށް ވެފައި، އޭގެއިން ހަކަތަ އުފެއްދޭނެކަން ވެސް ސާބިތުވާތީ އެވެ.
އަދި، ރާއްޖެއިން ވެސް އެކަމަށް ޕްލޭންތަކެއް ގެންގުޅޭއިރު، ރާއްޖެއިން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ.

މި ބިލަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމުންނެވެ. އަދި، ކުނި އެތެރެކުރަން ހުއްދަ ކުރުމުގެ ގަވައިދު އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދައި އާންމު ކުރަން ޖެހޭނެ އެވެ.













