ދިވެހި ސަރުކާރަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިބްރާހިމް "ސަމަރު ބްލޫ" މަނިކު އަވަހާރަވުމާ ގުޅިގެން އެ ބޭފުޅާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، އިބްރާހިމް މަނިކު އަވަހާރަވީ މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.
އެންމެ ފަހުން ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ހަފުލާގައި ލައިފް ޓައިމް އެޗީވްމެންޓު އެވޯޑު ހާސިލް ކުރެއްވި އިބްރާހިމް މަނިކު ވަނީ 1976 އަހަރުން ފެށިގެން 30 އަހަރު ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ.
އެގޮތުން، 1980 ވަނަ އަހަރުން ފެށިގެން 1989 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ އަޑުގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ކަން ކުރައްވާފައިވެ އެވެ. އަދި، އޭގެ ފަހުން 1993 ވަނަ އަހަރާ ހަމައަށް ދައުލަތުގެ ޓީވީއާއި ރޭޑިއޯގެ އިސްވެރިޔާކަމުގެ މަގާމު އަދާކުރެއްވި އެވެ.
އޭގެ ފަހުން އެ ބޭފުޅާ ވަނީ ސަރުކާރުގެ އިސް އެކިއެކި މަގާމުތައް ފުރުއްވާފަ އެވެ. އިބްރާހިމް މަނިކު ސަރުކާރަށް ފުރުއްވި މަގާމުތައް:

- މިނިސްޓާ އޮފް އިންފޮމޭޝަން އެންޑް ކަލްޗާ
- މިނިސްޓާ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ
- މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް
- ކޮމިއުނިޓީ އޯގަނަައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާމަން
ވަޒީރު ފެންވަރުގައި 1993 ވަނަ އަހަރުން ފެށިގެން އެކިއެކި ވުޒާރާތަކުގައި 15 އަހަރު އިބްރާހިމް މަނިކު ހޭދަކުރައްވާފައިވެ އެވެ.
އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިލަދުންމަތީ އުތުރުބުރީގެ މެންބަރުކަން ވެސް 2000 ވަނަ އަހަރުން ފެށިގެން ދެ ފަސް އަހަރުގެ ދެ ދައުރެއްގައި ކުރައްވާފަ އެވެ.
އިބްރާހިމް މަނިކު ވަނީ މިއުޒިކާއި ލަވަކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލް ކުރައްވާފައިވެ އެވެ.











