ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް ސަރުކާރަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އަމަލުކުރާނެ އުސޫލެއް ސަރުކާރުން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން މިއަދު ގެޒެޓުކުރި މި އުސޫލުގައި ބުނެފައިވަނީ މިއީ މިފަދައިން ވެވޭ އެކިއެކި ވިޔަފާރި އެއްބަސްވުންތަކުގައި ސަރުކާރުން ފާޅުކަން ބޮޑު ބޭއިންސާފެއް ލިބޭގޮތަށް އަމަލުކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ބޮޑެތި އަދަދުތަކެއް ނެގުމުގެ ފުރުސަތު އޮތުމާއެކު އެފަދަ ބޮޑެތި ގެއްލުންތައް ކުޑަ ކުރުމަށް މިފަދަ މައްސަލަތައް ކޯޓުން ބޭރުގައި ނިންމުމަށް އެކުލަވާލެވުނު އުސޫލެއް ކަމަށެވެ.
މި އުސޫލުގެ ދަށުން ބެލިގެން ދާނެ މައްސަލަތަކީ 7 އޮގަސްޓް 2008 އިން ފެށިގެން މިއަދާ ހަމައަށް ޖެހޭ މައްސަލަތަކުގެ ތެރެއިން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ހުށަހެޅި ހައްލު ނުލިބި ތިން އަހަރުވެފައިވާ މައްސަލަތަކެވެ.
އެގޮތުން އެއްބަސްވުމެއް ބާތިލުކުރުން، އެއްބަސްވުމަކާ އެއްގޮތަށް އަމަލުނުކުރުން، އެއްބަސްވުމާ ހިލާފުވުން، ނުވަތަ ރަސްމީ ހުއްދައެއް ދިނުން ނުވަތަ ބާތިލުކުރުމުގެ ސަބަބުން ސަރުކާރާއި އެއްބަސްވެވުނު ފަރާތާ ދެމެދު ޖެހޭ މައްސަލަތައް މި އުސޫލުގެ ދަށުން ބެލިގެން ދާނެ އެވެ.
މައްސަލަ ހުށަހެޅުން
މި އުސޫލުގެ ދަށުން ކުރިން ހުށަހަޅާފައިނުވާ މައްސަލަތައް ހުށަހެޅުމަށް މިއަދުން ފެށިގެން 30 ދުވަސް ލިބިގެންދާނެ އެވެ. އޭގެތެރެއިން އެއްބަސްވުންތަކުގެ މައްސަލަތައް އެ އެއްބަސްވުމެއް އެކުލަވާލި މިނިސްޓްރީ ނުވަތަ އިދާރާއަކަށް ހުށަހަޅަންޖެހޭއިރު، އެއްބަސްވުންތަކާ ގުޅުންހުރި ވިޔަފާރީގެ ހުއްދަތަކުގެ މައްސަލަތައް ހުށަހަޅަންޖެހޭނީ އެކަން ރެގިއުލޭޓް ކުރާ މިނިސްޓްރީ ނުވަތަ އިދާރާއަށެވެ.

ލަފާދޭ ކޮމިޓީ
މީގެ އިތުރުން މި މައްސަލަތައް ހައްލުކުރުން އަވަސްކޮށް އެކަމުގައި ލަފާދޭނޭ ކޮމިޓީއެއް ސަރުކާރުން އެކުލަވާލުމަށް ވަނީ ނިންމާފަ އެވެ. ރައީސް އޮފީހުގެ ދަށުން ހިނގާނެ މި ކޮމިޓީގައި ހިމެނޭނީ ރައީސް އޮފީސް، ފިނޭންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ޓުއަރިޒަމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، އަދި އެންވަޔަރަމަންޓް މިނިސްޓްރީއިން ކަނޑައަޅާ މެންބަރުންނެވެ. މި ކޮމިޓީއިން ފަންނީ ލަފާއަށް ނުވަތަ ދިރާސާއެއް ކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހެން ފަރާތްތައް ކޮމިޓީގެ މަސައްކަތުގައި ބައިވެރިކުރެވޭނެ އެވެ.
މައްސަލަ ހައްލުކުރުން
މި އުސޫލުގެ ދަށުން ހުށަހެޅޭ މައްސަލަތައް ފުރަތަމަ ދިރާސާ ކުރާނީ މައްސަލަ ހުށަހެޅޭ މިނިސްޓްރީ ނުވަތަ އިދާރާއަކުން އުސޫލާ ހިލާފުނުވާ ގޮތަށް ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ.
މައްސަލަ ހައްލުކުރުމުގައި މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާ ލިޔެކިޔުންތަކަށް އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން ރިއާޔަތްކުރަން ޖެހޭއިރު އިތުރަށް ލިޔެކުންތައް ނުވަތަ އަނގަބަހުން މައުލޫމާތު ހޯދުމުގެ ފުރުސަތު މައްސަލަ ދިރާސާ ކުރާ އިދާރާއަށް ލިބިގެންދާނެ އެވެ.
މައްސަލަ ދިރާސާ ކުރުމަށްފަހު ލަފާދޭ ކޮމިޓީއަށް ހުށަހަޅާއިރު ދިރާސާގެ ހުރިހާ ލިޔެކިޔުންތަކާ ހޯދުންތައް ހުށަހެޅިގެންދާނެ އެވެ. އުސޫލަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކޮންމެ އިދާރާއަކަށް ނުވަތަ މިނިސްޓްރީއަކަށްވެސް މައްސަލަތައް ދިރާސާކުރުމަށްފަހު ކޮމިޓީއަށް ހުށަހެޅުމަށް 90 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ އެވެ. އަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމަށް ލިބޭނީ 60 ދުވަހުގެ މުއްދަތެކެވެ.
މިގޮތަށް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޯޓުން ބޭރުގައި ބައެއް މައްސަަލަތައް ނިންމުމަށް ލަފާދެވޭނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބޭއިންސާފުން ބާތިލުކޮށްފައިވާކަން ހާމައަށް ފެންނަ މައްސަލަތަކާއި، ގަވާއިދާ އާންމު އުސޫލާ ހިލާފަށް ހުއްދައެއް ދޫނުކުރި މައްސަލަތަކާއި، ކޯޓުން ބަދަލުގެ ގޮތުގައި ނަގައިދެވޭނެ މިންވަރު މި އުސޫލުގެ ދަށުން ހައްލުކުރުމުން ދެވޭ އަދަދަށްވުރެ ބޮޑުވެދާނެކަމަށް ގަބޫލުކުރެވޭ މައްސަލަތަކެވެ. މީގެ އިތުރުން އެ މައްސަލައެެއް ހައްލުކުރުމުގައި ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތަކީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ކޮމިޓީއަށް ފެންނަ ހާލަތުގައިވެސް އެގޮތަށް ލަފާދެވޭނެ އެވެ.
މިގޮތުން މައްސަލަތަކަށް ކޯޓުން ބޭރުން ހޯދޭނެ ހައްލުތަކުގެ ތެރޭގައި އެއްބަސްވުން އިއާދަކުރުން، ރަސްމީ ހުއްދަ ދޫކުރުމާއި އާކޮށްދިނުން، އަދި ގެއްލުމުގެ ބަދަލު ދިނުން ނުވަތަ ހޯދައިދިނުން ހިމެނެ އެވެ.
ގެއްލުމުގެ ބަދަލު ދޭނެ ޖެހޭ ހާލަތްތަކުގައި ސަރުކާރުން ބޮޑަށް ބަލާނީ ފައިސާގެ ބަދަލުގައި ގާނޫނު ހުއްދަކުރާ މިންވަރަކުން ދެވެން އޮތް އެހެނިހެން ލުއިތަކާއި އިނާޔަތްތައް ދިނުން ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.












