ވިލިމާލެ ބީޗުގައި އަޅާ ކޮޓަރިތަކަކީ އަމިއްލަ ކުންފުންޏެއްގެ ސީއެސްއާރުގެ ދަށުން ކުރާ މަސައްކަތެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ވިލިމާލޭގެ ބިމެއް ބިޑު ކުރުމެއް ނެތި ކުއްޔަށް ދިން ކަމަށް އަޑުފެތުރެން ފެށުމާ އެކު ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ "އަދަދު" އަށް ވިދާޅުވީ މިއީ ވިލިމާލޭ ބީޗު ތަރައްގީކުރުމުގެ ދަށުން ކުރެވޭ މަސައްކަތެއް ކަަމަށާއި މިކަން މިދިޔަ ޖުލައި މަހު ކައުންސިލުން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރި ޖަލްސާގައި މޭޔަރު ޑރ. މުއިއްޒު އިއުލާން ކުރެއްވި ކަަމަށެވެ.
"ސީއެސްއާރުގެ ދަށުން ކައުންސިލުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ކުރާ މަސައްކަތެއް މިއީ" ޝިއުނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ވިލިމާލެ އިރުމަތީ ބީޗުގައި 10 ކޮޓަރީގެ އިތުރުން ފާހާނާ ބަރިއަކާއި ބާބަކިއު އޭރިއާއެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޫދަށް އެރެވޭނެ ހާއްސަ ރޭމްޕެއްވެސް އެ ޕްލޭންގައި ވަނީ ހިމަނާފަ އެވެ.
ޖުލައި މަހު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ހަ މަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މަސައްކަތް ހަވާލުކުރީވެސް އެ މުއްދަތުގައި ނިންމާ ގޮތަށް ކަމަށް ކައުންސިލުން ބުންޏެވެ.

ބިޑު ކުރުމެއް ނެތި ކައުންސިލުން ބިމެއް ދިން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ޝިއުނާ ވިދާޅުވީ އެ މަސައްކަތަކީ ވިލިމާލޭގައި ރެސްޓޯރެންޓެއް ހިންގުމަށް ހުށަހެޅި ޕްރޮޕޯސަލްއަކާއި ގުޅިގެން މުނިސިޕަލް ކޮމިޓީއިން ނިންމި ނިންމުމެއް ކަމަށެވެ.
"މުނިސިޕަލް ކޮމިޓީން ކުއްޔަށް ދޭން ނިންމީ ސީއެސްއާރްގެ ދަށުން ކައުންސިލްއާ އެއްބަސްވާ ގޮތަކަށް ބީޗު އޭރިއާ ތަރައްގީ ކޮށްދޭން،"ޝިއުނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ދެކޭ ގޮތުގައި މި ސަރަހައްދު ތަރައްގީ ކުރުމާއެކު ވިލިމާލޭގައި ދިރިއުޅޭ އަދި ޒިޔާރާތް ކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.












