ރާއްޖޭގެ ގާލްގައިޑު ހަރަކާތްތަކުގެ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާ އަރުވާ ބެޖު ހާސިލުކުރި 14 ވަނަ ދަރިވަރު ކަމަށްވާ ފަތިމާތު ޔުމްނާއަށް އެ ބެޖު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވާލުކޮށްދެއްވައިފި އެވެ.
މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ޗީފް ކޮމިޝަނަރު ނިއުމާތު ޝަފީގު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، އޭނާއަށް މަރުހަބާ ވިދާޅުވެ ތައުރީފު ކުރައްވާފަ އެވެ. އަދި، މިއީ ޔުމްނާ ތައުލީމް ހާސިލްކުރި ބ އަތޮޅު ތައުލީމީ މަރުކަޒަށްވެސް ހޯދައިދިން ފަހުރުވެރި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބެޖު ތައާރަފްކުރީ 1998 ގަ އެވެ. މިހާތަނަށް މި ބެޖު ހާސިލުކުރީ އެންމެ 14 ދަރިވަރުން ކަމަށްވާއިރު ޔުމްނާއަކީ އޭގެ ތެރެއިން ވެސް އަތޮޅު ތެރޭ ސްކޫލަކަށް ނިސްބަތްވާ ފުރަތަމަ ދަރިވަރެވެ. އޭނާ ތައުލީމު ހާސިލުކުރަމުން އަންނަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އޭނާ ވަނީ، އެބެޖުގެ އިތުރުން ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލުކޮށްފަ އެވެ.













