ހައިކޯޓުގައި ބަލައި ނިންމާފައި އޮތް އިސްތިއުނާފީ މައްސަލައަކަށް ދެވަނަ ފަހަރަށް ހުއްދަދީގެން ކުރިއަށް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ދަރިންގެ ހަރަދާ ގުޅޭ އާއިލީ މައްސަލައެއްގައި ފެމެލީ ކޯޓުން ކުރި ހުކުމެއްގެ އިސްތިއުނާފު މައްސަލަ މިދިޔަ އަހަރުގެ މާޗް މަހު ހައިކޯޓުން ނިންމި އެވެ. އެ މައްސަލާގައި ފެމެލީ ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވަނިކޮށް, ހަމަ އެ މައްސަލަ މި އަހަރުގެ ފެބުރުއަރީ މަހު އަލުން ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
ފެބުރުއަރީ މަހު ހުށަހެޅި އެ މައްސަލާގެ އިސްތިއުނާފު މުއްދަތު ހަމަވެފައި އޮތް ނަމަވެސް, މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން އިސްތިއުނާފުގެ ހުއްދަ ދިނެވެ. އެކަމަކު, އެ ހުއްދަ ދިންއިރު އެއީ ކުރިން ބަލާފައި އޮތް މައްސަލައެއްކަން ހުއްދަދިން ނިންމުމުން އެނގޭކަށް ނެތެވެ.
ދެވަނަ ފަހަރަށް ހުށަހެޅި މައްސަލައާ މެދު ގޮތް ނިންމައި, އިއްޔެ ހައިކޯޓުން ކުރި ހުކުމްގައި ބުނީ މައްސަލައަކީ ކުރިން ބަލައި ނިމިފައިވާ މައްސަލައެއްކަން ފަނޑިޔާރުންނަށް ރަޖިސްޓްރާގެ ސެކްޝަނުން ސާފުކޮށްދިން ނަމަ, އެ ހުއްދަ ނުދެއްވާނެ ކަމަށެވެ.
"މި މައްސަލާގައި ރަޖިސްޓްރާގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާ ކުރެވުނު ނަމަ, މި މައްސަލާގައި އިސްރާފުވެގެން ދިޔަ ހަސްމުންގެ ވަގުތާއި ވަސީލަތުގެ އިތުރުން ކޯޓުގެ ވަގުތާއި ވަސީލަތް ވެސް އިސްރާފުނުވެ ސަލާމަތް ކުރެވުނީހެވެ." ހުކުމްގައިވެ އެވެ.

މައްސަލަ ދައުވާ ކުރާ ފަރާތުން ހުށަހަޅާފައިވަނީ ދަރިންގެ ހަރަދުގެ އަދަދު ލިޔުމުގައި ކުށެއް ހުކުމްގައި ޖެހިފައިވާ ކަމަށް ބުނެ އެވެ. ހައިކޯޓުން ބުނި ގޮތުގައި, އެގޮތަށް ދައުވާ ލިބޭ ފަރާތުން ގަބޫލުކުރާނަމަ, މައްސަލަ ހައިކޯޓަށް އަލުން އިސްތިއުނާފު ކުރުމުގެ ބަދަލުގައި ފެމެލީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.












