ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ވަރަށް ދަށް ވެފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި އަސާސީ ކަންކަމަށް ހަރަދުކުރާނެ ފައިސާ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރަމުން އަންނަ ބަހުސްގައި މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ފައިސާ ނެތީސް، "އެހެން ގޮތަކަށް މެމްބަރުން ވާހަކަ ދެއްކެވުމަކީ ރަނގަޅުކަމެއް ނޫން" ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި ކުރިއަށް އޮތް ހަފުތާތަކުގައި، ކުރިއަށް އޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް، އަޅުގަނޑުމެން މި މަޖިލީހުގައި އެެހެން ގޮތް ގޮތަށް ވާހަކަ ދައްކަމުން ގެންދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވައިލެވޭ ވަރަށް ބޮޑު އޮޅުވައިލުމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެމަނިކުފާނު ފާހަގަ ނުކުރައްވަައި ދޫކުރައްވައިގެން ވާނެ ނުކުތާއެއް ނޫނެވެ.
ނަޝީދުގެ އެ ވާހަކަފުޅަށް ފަހު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ފުރުސަތު ދެއްވުމުން އޭނާ ދެއްކެވި ވާހަކައިގައި އެމަނިކުފާނަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ދަރަނީގެ ވާހަކައާއި ބޭރު ފައިސާ ނެތް ވާހަކަ ދެއްކިދާނެ ކަމަށެެވެ. ރާއްޖޭގެ ރިޒާވް އިތުރުވާން އެދިވަޑައިނުގަންނަވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީގެ ރޭޓަށް ގެނައި ބަދަލާ ދެކޮޅު ބޭފުޅުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"އެހެންވެގެން އެބޭފުޅުން އެގޮތަށް ވާހަކަފުޅު ދެއްކެވީ. އޭގެ ސަބަބުން [ޓެކްސް ބޮޑުކުރުމުގެ ސަބަބުން] އަޅުގަނޑުމެންނަށް ކުރިއަށް އޮތް އަހަރު ވަރަށް ބޮޑުތަނުން ރިޒާވް އިތުރުވެގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.
ބަޖެޓްގައި ލަފާކޮށްފައިވާ ގޮތުން އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް 600 މިލިޔަނަށް އަރާނެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ މެދު ނަޝީދު ގެންދަވަނީ އެކިއެކި ކަންބޮޑުވުންތައް ފާޅުކުރައްވަމުންނެވެ. އެމަނިކުފާނު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ މިއަހަރުގެ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ސަރުކާރުން ޖަހާފައިވާ 5.8 ބިލިޔަން ރުފިޔާއާ މެދުގަ އެވެ.












