ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވުމާއެކު، އެ ގޮތަށް ޓެކްސް ރޭޓްތައް ބޮޑުވެގެން އައުމަކީ ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދަން ލިބުނު އާ ބާރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު އެ އޮތް ގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ މެޖޯރިޓީންނެވެ.
ޓެކްސްގެ ބިލު ފާސްކުރުމާއެކު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުތަކުގައި ރާއްޖޭގެ އިގްތިސޯދަށް ދިމާވި ދަތިތަކުން އަރައިގަތީ މުޅި ދުނިޔެއަށް މިސާލު ދައްކާފައިވާ ކަމަށެވެ. އެ ދަތިތަކާއެކު ވެސް ރާއްޖެއަށް ބޭނުންވާ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވެނު ކަމަށް ވެސް އަމީރު ކުރެއްވި ޓްވީޓްގައިވެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސް ރޭޓްތަކަށް ބަދަލު ގެންނަން މަޖިލީހުން ފާސްވުމަކީ އެ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޓެކްސް ރޭޓްސް މަޖިލީހުން ފާސްވެގެން ދިއުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތައް ބާރު މިނުގައި ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ބާރަކަށް،" ވަޒީރުގެ ޓްވީޓްގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ޓެކްސް ރޭޓް ބޮޑުކުރުމަށް ނިންމިއިރު، އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ކަންބޮޑުވުންތަކެއް ހުއްޓެވެ.
އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ 14 މެންބަރަކު އެ ބިލު ފާސްކުރުމާ ދެކޮޅެވެ.
އެމްއެމްއޭގެ ގަވަރުނަރު ވެސް ވަނީ މީހުނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި ޓެކްސް ބޮޑު ނުކުރުމަށް ލަފާ ދެއްވައިފަ އެވެ.
ނަމަވެސް ވޯލްޑް ބޭންކު ފަދަ ބައިނަލް އަގްވާމީ މާލީ ބައެއް އިދާރާތަކުން ވަނީ ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށް ބުނެފަ އެވެ.













