ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމަށް އިންޒާރުދީ އޭނާއަށް އަނިޔާދޭން ބަޔަކު ގޮވައިލާ ކަަމަށް ބުނެ އެ ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކާ އިހުތިރާމާ އެކު މުއާމަލާތްކުރަން އިލްތިމާސްކުރާ ކަމަށެވެ. އެފަދަ ހިޔާލުތަފާތުވުންތަކުގައި އަނެެކާއަށް ނުރައްކަލެއް ކުރިމަތިވާ ގޮތަށް މުއާމަލާތް ނުކުރަން އިލްތިމާސްކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...މިޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާތީ އެކަމާ މި ޕާޓީން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ،" އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.
އެމްޑީޕީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ހިއްވަރުދޭ އެއްވެސް ކަމަަކަށް ތާއީދުކުރާނެ ޕާޓީއެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ގާނޫނީ އިމުގެ ތެެރެއިން ކަން އެމްޑީޕީން އަބަދުވެސް ގަބޫލުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ މިޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި މިޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ މިޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާ ކަމަކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ރޮޒައިނާއަށް އިންޒާރުދީ އަނިޔާދޭން ބައެެއް ފަރާތްތަކުން ގޮވައިލާ މައްސަލަ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ބަލަން ވެސް އެބަޔާނުގައި ގޮވަައިލި އެވެ.












