ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް ނާހައި ޖަލްސާ ނިންމާލީ ގަވައިދާ ހިލާފަށް ކަމަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޖީއެެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް ފާސްކުރުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި ވޯޓަށް އަހަން އޮތީ އެގޮތަށް ނިންމައި މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުން އެކަންޏެވެ.
އެ ރިޕޯޓަށް ވޯޓަށް އަހަން، ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަަން އަފީފު ނިންމެވީ ރިޕޯޓަށް ބަހުސްކުރަން ހުުޅުއްވައި ލެއްވި ފުރުސަތުގައި އެއްވެސް މެމްބަރަކު އެކަަމަށް އެދިވަޑައިނުގެންނެވުުމުންނެވެ.

"އަދި މި ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ވެސް ނެތް،" ބިލަށް ބަހުސްކުރަން އެދިވަޑައިގަންނަވާ މެމްބަރަކު ނެތްކަން އިއުލާނުކުރެއްވުމަށް ފަހު އަފީފު ވިދާޅުވި އެވެ.
އެހެން ނަމަަވެސް މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ވޯޓަކަށް އަހާ ނަމަ ވޯޓުގެ ރަނގަބީލު ޖެހުމަށް ފަހު ފަސް މިނެޓް ދޭން ޖެހެ އެވެ. އެހެން ނަަމަވެސް އަފީފު މިއަދު ކަން ކުރެއްވީ އެގޮތަކަށް ނޫނެވެ.
"ޓެކްސް ބިލަށް ވޯޓަަށް ނާހައި ޖަލްސާ ނިންމާލީ ގަވައިދާ ހިލާފަށް. އަަޅުގަނޑުމެން އަދި ވެސް މިތިބީ އެކަމާ ޕްރޮޓެސްޓްކުރަން،" ޖަލްސާ ނިންމައިލިތާ ކުޑައިރުކޮޅެއް ފަހުން "އަދަދު" އަށް ދެއްވި އިންޓަވިއުއްގައި އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ "އެ ބިލު ފާސްކުރައްވަން ރުހިވަޑައިނުގަންނަވާތީ ކަންކުރެއްވި ގޮތްކަމަށް ވެދާނެ" ކަމަށެވެ.
ޖަލްސާ އަލުން ނުފެށުމުން މެމްބަރުން ދެން އެދުނީ ބިލަށް ވޯޓަށް އަހާނެ ގަޑިއެއް ދިނުމަށް ކަމަށާއި މާދަމާ މެންދުރުފަހު 1:00 ގައި ވޯޓަށް އަހަން މިހާރު ތާވަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












