ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމަން މިއަދު ނަގަން އޮތް ވޯޓު، މެމްބަރުން މަދުކަމުން ނެގޭ ގޮތެއް ނުވި އެވެ.
ޖީއެެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް ފާސްކުރުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި ވޯޓަށް އަހަން އޮތީ އެގޮތަށް ނިންމައި މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުން އެކަންޏެވެ.
އެ ރިޕޯޓަށް ވޯޓަށް އަހަން، ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަަން އަފީފު ނިންމެވީ ރިޕޯޓަށް ބަހުސްކުރަން ހުުޅުއްވައި ލެއްވި ފުރުސަތުގައި އެއްވެސް މެމްބަރަކު އެކަަމަށް އެދިވަޑައިނުގެންނެވުުމުންނެވެ.
"އަދި މި ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ވެސް ނެތް،" ބިލަށް ބަހުސްކުރަން އެދިވަޑައިގަންނަވާ މެމްބަރަކު ނެތްކަން އިއުލާނުކުރެއްވުމަށް ފަހު އަފީފު ވިދާޅުވި އެވެ.

އެހެން ވިދާޅުވެ މިއަދުގެ ޖަލްސާ ނިންމަވައިލެއްވި އިރު ތަޅުމުގައި ތިއްބެވި މެމްބަރުންގެ އަދަދެެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޓެކްސް ބޮޑުކުރާ ބިލަށް މިއަދު ވޯޓަށް ނޭހުނު އިރު، އެ ބިލުގައި އޮތް ގޮތަށް ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މީގެ ކުރިން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެހެން ނަމަވެސް އެ ބިލު އޮތް ގޮތަށް ފާސްކުރަން އެޕާޓީން ވަނީ ވިޕެއް ނެރެފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅި އިރު، އެ ބަޖެޓް އެކުލަވާލާފައި އޮތީ ޓެކްސް ބޮޑުކޮށްގެން އިތުރުވާނެ ކަމަށް ބަލާ އާމްދަނީ ވެސް ހިމަނައިގެންނެވެ.













