ބަލިމަޑުކަމުގެ ފުން ވަޅުގަނޑަކުން ހަނގުރާމައިގެ އަޑިގަނޑަކަށް ފައިބަން ޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރަށް ވުރެ "ސިޔާސީ ބޭނުމަށް މިޔަ އަޅާ، ތޫނުކުރި ބަހުރުވައިގެ" ގެއްލުން ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ވެރިކަމުގެ ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު ހޭދަކުރަން ޖެހުނީ އާލަމީ ވަބާއެއްގެ ތެރޭގައި ކަމަށާއި އެއާއެކު އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބޯޑަރު ބަންދުކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވި. އާމްދަނީ ހުއްޓި، ރަށްތަށް ތަޅުލާ، ފުރަމާލެ ފުރަބަންދަށް ލާންޖެހުނު. އެހާލަތުގައިވެސް، ސަރުކާރުން ބެލީ ތަރައްގީ ނުހުއްޓި ކުރިއަށް ދެވޭނެ ގޮތެއް. ވިޔަފާރިތައް ހީނަރުވެ، ވަޒީފާތަށް ގެއްލި، އާމްދަނީ އުނިވި އެންމެންނަށް ސަރުކާރުން އެހީތެރިވެދިނިން" ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އެފަދަ ހާލަތެއްގައި އިންތިހާބު ކޮށްފައި އޮންނަ ސަރުކާރެއްގެ ހަގީގީ ޒިންމާއަކީ، އެ ބުރަ ވަކިވަކި ފަރުދުންގެ ބޮލުގައި ނާޅުވާ ސަރުކާރުން އުފުލުން ކަމަށާއި އެކަން އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ކޮވިޑުގެ އެންމެ ފުން ތަނުން އަރައިގަތް ވަގުތާ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ދިމާވުމުން އަނެއްކާވެސް އަޑިގަނޑަކަށް އެރެން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ މުޅި ދުނިޔެއަށްވެސް ދަތި ދުވަސްވަރެއް. ރާއްޖެއަށްވެސް އޭގެ އަސަރު އެބަކުރޭ. ނަމަވެސް ކުރާ ނޭދެވޭ އަސަރަށް ވުރެ ބޮޑީ ސިޔާސީ ބޭނުމަށް މިޔަ އަޅާ، ތޫނުކުރި ބަހުރުވަ. ރާއްޖެ ބަނގުރޫޓްވެ، އިގްތިސޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު، އަބަދާ އަބަދު ރައްޔިތުންނަށް އެބަދައްކާ. ނަމަވެސް ސަރުކާރު މިއޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލާ،" ރައްޔިތުންނަށް ޔަގީންކަން އަރުވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވީ ކުރިމަތިވި އެފަދަ ކޮންމެ ހާލަތަކުން އިރާދަކުރައްވައިގެން އަރައިގަނެވިފައިވާ ކަމަށާއި "އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ އިގްތިސޯދީ މީޓަރުން ދައްކަމުން ދާ" ކަމަށް ވިދާޅުވި އެވެ.
އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރަން ފިޔަވަޅު އަޅަން އިސްކަން ދީފައިވާނެ ކަމަށާއި އެކަންކަން ކުރަނީ ރައްޔިތުންނަސާއި އިގްތިސާދަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވާނީ ހުށަހަޅާފަ. ދައުލަތަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓީޖީއެސްޓީގެ ގޮތުގައި. ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއެކު، ދައުލަތުގެ ރަސްމީ ރިޒާވަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ," ސަރުކާރުން އަޅަން ނިންމާފައިވާ އިގްތިސާދީ ފިޔަވަޅުތަކާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.
މި ގެންނަ ބަދަލަކީ ރަނގަޅު ބަދަލެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމްއެމްއޭގެ މާލީ ބޭފުޅުންނަށް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.













