އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ލަސްވެގެން އެއް އަހަރުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާ ގޮތަށް ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލަކީ، މި ނޮވެމްބަރު 2، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އެބިލަށް ގެނައި އިސްލާހުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމް ހުސްވެއްޖެ ނަމަ، އެ މަގާމު ހުސްވާތާ ލަސްވެގެން އެއް އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަން ޖެހެ އެވެ.
އެ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އެ ހުސްވި މަގާމަށް، އަލުން މެމްބަރަކު އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ވެސް ވަނީ ބިލް ފާސްކޮށްފަ އެވެ.
އެހެން ނަމަވެސް، ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން، އެކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ވަރަށް ކޮމިޓީގައި މެންބަރުން ނެތްނަމަ، އެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަގާމަށް މެންބަރަކު އައްޔަންކުރަން ޖެހެ އެވެ.

މީގެ އިތުރުން، ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި ބާކީ އޮތީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ، ބައި-އިލެކްޝަނަކުން އިންތިހާބު ކުރާ މެންބަރުގެ މަގާމުގެ މުއްދަތަކީ، ކޮމިޓީގެ އުމުރު ހަމަވުމަށް ބާކީ އޮތް މުއްދަތު ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުތަކުގައި ބަޔާންކޮށްފައިވެ އެވެ.













