މިރޭ ބާއްވަން ތާވަލުކޮށްފައި އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކުރީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މަތީ ދަރަޖަ ހޯދާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝް ރައްޔިތެކެވެ. އަދި މަރުވި އެކަކު ނިސްބަތްވާ ގައުމު ދެނެގަނެވިފައި ނުވާއިރު، ހާދިސާގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ދަނީ ފަރުވާދެމުންނެވެ.
ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި މ. ނިރުފެހި ގޭގައި ރޭ ހިނގި އެ އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާކަން ޔަގީންވެފައިވާ އިރު އަދިވެސް މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވެ އެވެ.













