ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންކަން އެނގިއްޖެ އެވެ.
ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އެއް އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރައިފަ އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު 'އަދަދު' އަށް ވިދާޅުވީ މަރުވި މީހުންގެ ތެރެއިން މިހާތަނަށް އައިޑެންޓިފައި ކުރެވުނީ ނުވަ މީހުން ކަމަށެވެ. އޭގެ ތެރޭގައި، ހިމެނެނީ އިންޑިއާގެ އަށް ރައްޔިތަކާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އަދި މަރުވި މީހުންގެ ތެރެއިން އެކަކު ނިސްބަތްވާ ގައުމު އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ސަލާމަމްކުރި އިތުރު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ބަންގްލަދޭޝް ރައްޔިތަކަށެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މަރުވި މީހުންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު އަދި އެތަނުން ބޭރަށް ނެރެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
މިހާތަނަށް ރިކަވާ ކުރެވުނު ހަށިގަނޑުތަކުގެ އިތުރުން ވެސް ބައެއް މީހުން އެތަނުގައި ތާށިވެފައިވާކަން މި ނޫހަށް އެނގިފައިވެ އެވެ. އެގޮތުން، މަރުވި މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ އެތަނުގެ ފާހަނާ ތެރެއިން ކަމަށް މައުލޫމާތު ލިބެ އެވެ.
ރޭ ދަންވަރު 12:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގީ މ. ނިރުފެހި ގޭގެ ތިރީގައި ހުންނަ ގަރާޖުގަ އެވެ. އެ އިމާރާތުގެ މަތީ ދެ ފަންގިފިލާގައި އުޅެނީ ބިދޭސީންނެވެ. މި އިމާރާތް ހުންނަނީ ކޯރުކެނޑިމަގުން އިސްކަންދަރު މަގަށް ވަންނައިރު އިސްކަންދަރު މަގުގަ އެވެ.
އަދަދު ނޫހަށް މައުލޫމާތު ދިން އޮފިޝަލު ބުނި ގޮތުގައި މިއީ އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގާ ތިން ވަނަ ފަހަރެވެ. އަދި އެތަނުގައި ދިރިއުޅެނީ ކިތައް ބިދޭސީންކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަދި ރެޑްކްރެސެންޓުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.












