މާލޭގައި ހިންގާ ކާރު މަރާމާތު ކުރާ ގަރާޖެއްގައި ރޯވެ، އަލިފާންގަނޑު އެ އިމާރާތުގެ ދެ ބުރިއަކަށް ފެތުރި އެތަނުގައި ދިރިއުޅެމުންދިޔަ ވިއްސަކަށް ބިދޭސީންގެ ތެރެއިން 10 މީހުން މިހާތަނަށް މަރުވެއްޖެ އެވެ.
ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި މ. ނިރުފެހި ގޭގައި ރޭ 12:30 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް ބެލެވެ އެވެ.
"އަހަރެން އެ ވަގުތު ހުރީ ތިމާގެ މީހުން އެ ގޭގައި އުޅެތީ އެގެއަށް ގޮސް. ކުށްލިއަކަށް އަޑެއް އިވިގެން ތިރިއަށް ފޭބިއިރު ހުރީ ގަރާޖު ތެރޭގައި އަލިފާން ރޯވެފައި. ބޭރަށް އަލިފާން ނުކުމެފައެއް ނެތް. އެވަގުތު އެތަނުގައި ހައެއްކަ މީހުން ތިބި. އިންޑިއާ މީހުން. އެ އީ އެތަނުގައި ދިރިއުޅޭ މީހުން. އެ މީހުންގެ ތެރޭގައި ގިނައީ އަންހެނުން. އެ މީހުން ނުކުތް ފަހުން އެތަނުން، އެހެން ބަޔަކަށް ނުނިކުމެވޭ،" ރޯވި އިމާރާ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ ޔޫސުފް ރަމީޒް ބުންޏެވެ.

އެ އިމާރާތުގެ މަތީ ދެ ބުރީގެ ހުރި 10 ކޮޓަރިއެއްގައި ވިއްސަކަށް މީހުން ދިރިއުޅެމުންދާ ކަމަށް މި ނޫހުން އެއްކުރި މައުލޫމާތުން އެނގޭއިރު ސަލާމަތްވީ ތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެބަޔަށް ވުރެ މަދު މީހުން ކަމަށް ބެލެވެ އެވެ.
އަލިފާނުގެ ހާދިސާގައި މިހާތަނަށް 14 މީހުން ސަލާމަތްކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބުނިއިރު ރޯވި އިމާރާތުން ސަލާމަތްވި މީހުންގެ އަދަދު 10 އަކަށްވުރެ އިތުރު ނޫން ކަމަށް މަންޒަރު ދުށް މީހުން މި ނޫހަށް މައުލޫމާތު ދިނެވެ.

"އަހަރެން ކުރިން، މީގެ ހައެއްކަ މަސް ކުރިން އެތަނުގައި ދިރިއުޅުނިން. އެތަން ހުންނަނީ ފްލައިވުޑުން ހަދާފައި. ފުރަތަމަ ފްލޯގައި ހަތަރު ކޮޓަރި، ދެ ވަނަ ފްލޯއާއެކު ދެ ފްލޯގައި ޖުމުލަ 2 ކޮޓަރި ހުރޭ. ކިރިޔާ ނިދާލެވޭ ވަރުގެ ތަންތަންކޮޅު އެއީ. އެ ތަންތަން ކުއްޔަށް ހިފައިގެން [ބިދޭސީ] ދެމަފިރިން ވެސް އުޅޭ. ވިއްސަކަށް މީހުން ޖުމުލަ އުޅޭނެ ކަމަށް ބެލެވޭ،" އެތަނުގައި ކުރިން ދިރިއުޅުނު ރީމާ ކިޔާ އަންހެނަކު ބުންޏެވެ.

ރޯވި ގަރާޖުގައި މީގެ ކުރިން ވެސް ރޯވެފައިވާ ކަމަށް އެ ސަރަހައްދުން މައުލޫމާތު ދިން މީހަކު ބުންޏެވެ. އަދި، އެއީ ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރާ ތަނެއްކަން ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފުރަތަމަ އަލިފާން ރޯވި ކަމަށް ބެލެވެނީ ތިރީގައި ހުރި ގަރާޖުގައި. އެތަނުގައި ކުރިން ވެސް އަލިފާން ރޯވި. މަސައްކަތްކުރާއިރު ވެސް ވަރަށް ފަރުވާ ކުޑަކޮށް ކުރަމުންދޭ،" ރޯވި ސަރަހައްދުގައި ދިރިއުޅޭ އަބްދުއްރަޝީދު އިބްރާހިމް ބުންޏެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ރޯވި އިމާރާތާ ޖެހިގެން ހުރި ދެ އިމާރާތާއި ކުރިމަތީގައި ހުރި އިމާރާތާއެކު ޖުމްލަ ހަތަރު އިމާރާތަކުން މީހުން ވަނީ ހުސްކޮށްފަ އެވެ.












