ތިލަމާލެ ބުރިޖުގެ މަސައްކަތަށް ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލެ ފަރަށްއަރާ ލިބުނު ގެއްލުން ބެލުމަށް ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޯންސް ކުންފުނިން އަމިއްލައަށް ހެދި ސާވޭ ނިންމާ ރިޕޯޓު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފި އެވެ.
އެފްކޯންސްއިން މި މައްސަލައިގައި އަމިއްލައަށް ސާވޭ ކުރީ އީޕީއޭއިން ހެދި ސާވޭ ކަމުނުދާކަމަށް ބުނެ އެކަމަށް އެދުމުން އީޕީއޭއިން ހުއްދަ ދިނުމުންނެވެ.
މިކަމާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "އަދަދު" އަށް ވިދާޅުވީ އެފްކޯންސްގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މައްސަލަ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެފްކޯންސްގެ ސާވޭގެ ނަތީޖާގެ ތަފުސީލެއް ހޯދުމަށް އެ ކުންފުނި އަދި އީޕީއޭއާ ގުޅައިގެން "އަދަދު" އިން ކުރި މަސައްކަތުން އިތުރު ތަފުސީލެއް ނުލިބުނެވެ.
މި މައްސަލައިގައި އެފްކޯންސްއާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ތިމާވެށްޓަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. ސަރުކާރުން ބުނެފައިވަނީ ވަކި ކުންފުންޏަކަށް ބެލުމެއް ނެތި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. ބާރަ ދުވަސް ވަންދެން ފަރުމަތީ އެ ޕްލެޓްފޯމް އޮތްއިރު އެފްކޯންސްއިން އޭރު ބުނީ ޕްލެޓްފޯމް ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.













