މޭރީގެ ޕޭޝަންޓް ޗާޓެއް ނެތް، ދިފާއުން އެދެނީ އައިޖީއެމްއެޗަށް ވަދެ ބަލައިފާސްކުރަން!

މޭރީ ގްރޭސްއާއި އޭނާ މަރާލިކަމުގެ ދައުވާކުރާ ފިރިމީހާ މާވިން؛ މޭރީ ގްރޭސްގެ ޕޭޝަންޓް ޗާޓުތައް ނެތް ކަމަށް ބުނާތީ ޝަރީއަތުގައި ބޮޑު ބަހުސެއް

މޭރީ ގްރޭސްއާއި އޭނާ މަރާލިކަމުގެ ދައުވާކުރާ ފިރިމީހާ މާވިން؛ މޭރީ ގްރޭސްގެ ޕޭޝަންޓް ޗާޓުތައް ނެތް ކަމަށް ބުނާތީ ޝަރީއަތުގައި ބޮޑު ބަހުސެއް

މެރީ ގްރޭސް އައިޖީއެމްއެޗަށް ގެންގޮސް ދިން ފަރުވާގެ ޕޭޝަންޓު ޗާޓުތަކާއި ލިޔެކިއުންތައް އޮތް ކަން ޔަގީން ކުރުމަށް އެ ހޮސްޕިޓަލަށް ވަދެ ބަލައިފާސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދޭނެ ކަމަށް، އެ މަރުގެ މައްސަލާގައި ދައުވާ ކުރާ ހަލީމަތު ލަމްހާގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ.

މޭރީ ދަންޖެހިފައި ހުއްޓާ ފެނުނު ކަމަށް މާވިން ރިޕޯޓް ކުރުމުން، އެމްބިއުލާންސްގައި މޭރީ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެ އެވެ. އައިޖީއެމްއެޗްގެ ކޮންމެ ޕޭޝަންޓެއްގެ މައުލޫމާތު ހުންނަ ޗާޓެއް އޮންނައިރު، މޭރީގެ ޕޭޝަންޓް ޗާޓް ދިނުމަށް ލަމްހާގެ ފަރާތުން ޝަރީއަތުގައި އެދިފަ އެވެ.

ގާޒީ ވަނީ ދައުލަތުގެ މައްޗަށް އެކަން އަމުރުކުރައްވާފަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ދައުލަތުން އެންމެ ފުރަތަމަ ހިއްސާކުރީ "ޑެތް ސަމަރީ ރިޕޯޓް" އެކަނި ކަމަށެވެ. އެ ފަހުން އިތުރު ލިޔުންތައް ހޯދުމަށް ގާޒީ ނެރެފައިވާ އަމުރަށް ފަހު ވެސް ހިއްސާކުރީ އެ ރިޕޯޓާ އެކު، މޭރީއަށް ފަރުވާ ދިން ޑޮކްޓަރުންގެ ބަޔާނެއް ކަމަށެވެ.

ވަކީލު ޔާމީން ވިދާޅުވި ގޮތުގައި، އެއީ ދިފާއުން އެދިގެން ޝަރީއަތުން ނެރެފައިވާ އަމުރުގައި ލިޔެކިޔުންތަކެއް ނޫނެވެ. މޭރީ ގްރޭސް ހޮސްޕިޓަލަށް ގެންދެވުނު ވަގުތުން ފެށިގެން، މަރު އިއުލާންކުރަން ދެކަށް ހިނގި ފަރުވާތަކާއި، ދެވުނު ބޭސްތަކާއި، ކުރެވުނު ޓެސްޓްތަކާއި އޭގެ ނަތީޖާއަށް ވެސް ދިފާއުން އެދިފައިވެ އެވެ.

މާވިންގެ ވަކީލު އިސްމާއިލް އަހުމަދު ވިދާޅުވީ ދައުލަތުން އެންމެ ފަހުން ހިއްސާކުރި ޑޮކްޓަރުންގެ ލިޔެކިއުންތަކަށް ބެލުމުންނާއި، އޭގައި ބޭނުންކޮށްފައިވާ ޒަމާނުގެ ބަހުރުވައިން އެއީ ވަރަށް ފަހުން ތައްޔާރު ކޮށްފައިވާ ލިޔުންތަކެއް ކަން ފާހަގަކުރެވޭ ކަމަށެވެ.

ދިފާއުން އެދިފައިވަނީ ފަރުވާ ދިން ވަގުތު ޕޭޝަންޓާ ގުޅޭ ގޮތުން ޑޮކްޓަރުން ލިޔާ ނޯޓުތައް ހިމެނޭ ޕޭޝަންޓް ޗާޓަކަށް ކަމަށާއި އެހެންކަމުން އެންމެ ފަހުން ހިއްސާކޮށްފައިވަނީ އެފަދަ ލިޔުމެއް ނޫން ކަމަށް ވަކީލު އިސްމާއިލް ވިދާޅުވި އެވެ.

ލަމްހާގެ ދެވަނަ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ދައުލަތުން ބޭނުންވާނަމަ ކޯޓު އަމުރެއް ހޯދައިގެން ފުލުހުން މެދުވެރިކޮށް އައިޖީއެމްއެޗަށް ވަދެ އެ ލިޔުންްތައް ހޯދަން މަސައްކަތް ކުރެވޭނެ ކަމަށެވެ. އެކަމަކު އެ ލިޔުންތައް އޮތް ކަން ޔަގީން ކުރުމުގެ ނިޔަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ލަމްހާގެ ވަކީލު ޔާމީން ވެސް ވިދާޅުވީ، އެ ލިޔުންތައް އޮތްކަން ޔަގީންކުރުމަށް އައިޖީއެމްއެޗްގެ ލިޔުންތައް ބަލައިފާސްކުރުމުގެ އަމުރެއް ނެރެދިނުމަށް ލަމްހާގެ ފަރާތުން އެދޭނެ ކަމަށެވެ.

ލިޔެކިޔުން ނެތް ކަމުގެ ޔަގީންކަމެއް ދައުލަތަކަށް ނުދެވުނު

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ދެން ވަނީ، ދިފާއުން ފާހަގަކުރާ ލިޔެކިއުންތައް ނެތްކަން ދައުލަތަށް ސާބިތުކުރެވޭނެތޯ ސުވާލުކުރައްވައިފަ އެވެ. އައިޖީއެމްއެޗުން އެ ގޮތަށް އެންގި ނަމަވެސް އެ ވަރަކުން އޭގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް ދައުލަތުގެ ވަކީލު އައިޝަތު ޝިމާޒާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އައިޖީއެމްއެޗުން ހިއްސާކުރި މިންވަރަށް ލިޔެކިއުންތައް ހިއްސާކުރަމުން ގެންދިޔަ ކަމަށެވެ. އަދި ވަކި ލިޔެކިއުމެއް ނެތް ނަމަ، ނެތް ސަބަބު ވެސް އައިޖީއެމްއެޗުން ހޯދައި އެ ކަން ހިއްސާކުރަމުން ގެންގޮސްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ ފާއިޒް ދެން އަމުރު ކުރެއްވީ ދެން އޮންނަ އަޑުއެހުމަކަށް، ދައުލަތުން އެކަން ކަށަވަރު ކުރެވެން އޮތް ގޮތަކަށް ކަށަވަރު ކުރުމަށް ފަހު ޝަރީއަތަށް ޖަވާބުދާރީވުމަށެވެ. އަދި އެ ކަން ޔަގީންކުރުމަކީ ދައުލަތް ތަމްސީލްކުރައްވާ ޕީޖީ އޮފީހުގެ ޒިންމާއެއްކަން ވެސް ގާޒީ ހަނދުމަކޮށްދެއްވި އެވެ.

މިއަދު ހެކިބަހެއް ނުނެގުނު، މި މަހު ގިނަ އަޑުއެހުންތަކެއް ބާއްވަން މަސައްކަތް ކުރަނީ

ޕޭޝަންޓް ޗާޓުތައް ނުލިބެނިސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަސް ނެގުމަށް ދިފާއުން އިއުތިރާޒުކޮށްފައިވެ އެވެ. އަދި މޭރީއާއި މާވިންއާ ދެމެދު ފިލިޕީންސް ބަހުން ދައްކާފައިވާ ވާހަކަތަކުގެ ޗެޓް ލޮގްގެ ތަރުޖަމާ ނުލިބެނީސް އެ ކަމާ ގުޅޭ ހެކިންގެ ހެކިބަސް ނެގުމަށް ވެސް އިއުތިރާޒުކޮށްފައިވެ އެވެ.

އެހެންވެގެން ދިފާއުން ބޭނުންވާ ހެކިންގެ ލިސްޓެއް ހޯދަން މަސައްކަތްކޮށް އެފަދަ ލިސްޓެއް ނުލިބޭ ކަމަށް ބުނެ ދައުލަތުން ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޝަރީއަތުން ދީފައިވާ ތާވަލާ އެއް ގޮތަށް ހެކިބަސް ނެގުން ދެން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

ފިލިޕީންސް ބަހުގެ ޗެޓް ލޮގްތައް އަމިއްލައަށް ދިފާއުން ތަރުޖަމާ ކުރުމަށް ޝަރީއަތުން އަންގާފައިވާތީ، ޑޮކްޓަރުންނާއި ނަރުހުން ފިޔަވައި އެހެން މީހުންގެ ހެކިބަސް ނެގުމަށް ދިފާއުގެ އިއުތިރާޒެއް ނެތް ކަމަށް މިހާރު ވަނީ ބުނެފަ އެވެ.

ގާޒީ ފާއިޒް ވިދާޅުވީ ޑިސެމްބަރު މަހު ކޯޓު ރެސެސްއަށް ދާތީވެ، މި މަހުގެ ތެރޭގައި ވީހާވެސް ގިނަ ހެކިންގެ ހެކިބަސްނެގުމަށް ޝަރީއަތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގާޒީ ވަނީ ނޮވެމްބަރު މަހު އަޑުއެހުން ބޭއްވޭނެ ހުރިހާ ދުވަހަކާއި ވަގުތެއް ހިއްސާކޮށްފަ އެވެ.

  • ނޮވެމްބަރު 10، މެންދުރު 1:00
  • ނޮވެމްބަރު 21، މެންދުރު 1:00
  • ނޮވެމްބަރު 22، މެންދުރު 1:00
  • ނޮވެމްބަރު 24، މެންދުރު 2:00
  • ނޮވެމްބަރު 27، ހެނދުނު 9:00
  • ނޮވެމްބަރު 28، ހެނދުނު 9:00
  • ނޮވެމްބަރު 29، ހެނދުނު 9:00
  • ނޮވެމްބަރު 30، ހެނދުނު 10:00

މައްސަލައިގެ ފަސްފަހަތް؛

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox