ކޯޓުތަކުން ސާބިނުވާ ކަމަށް ނިންމާ ގިނަ ޖިނާއީ މައްސަލަތަކަކީ ހެކިބަސް ނުލިބިގެން ސާބިތުނުވާ މައްސަލަތައް ކަމަށާއި މައްސަލަތައް ކޯޓުގައި ދިގުލަނީ ވެސް ހެކިބަސް ނުލިބިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މައްސަލަތައް ސާބިތުނުވަނީ ހެކިބަސް ނުލިބިގެން ކަމަށް ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވި ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ހެކިބަސް ނުލިބޭ ސަބަބު އޭނާ ވިދާޅެއްނުވެ އެވެ.
"ސާބިތުނުވި މައްސަލަތަކުގެ ދައުވާ ކޯޓަށް ހުށަހެޅިފައިވާ އަހަރުތަކަށް ބެލިއިރު އޮތީ، 2009، 2012، 2018 އަދި 2019 ގެ އެއް މައްސަލައާއި، 2020 ގެ ދެ މައްސަލައާއި 2021 ގެ އެއް މައްސަލައެވެ. މިހުރިހާ މައްސަލައެއްވެސް ސާބިތުނުވެފައި އޮތީ ހެކިންގެ ހެކިބަސް ނުލިބިގެންނެވެ. ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަ ނުނިމި ގިނަ ދުވަސްވުމާ ގުޅުމެއްވާކަން، ތަފާސް ހިސާބުތަކުން ސާފުކޮށް ދައްކާ،" ޝަމީމު ލިޔުއްވާފައިވެ އެވެ.
އޭގެ އިތުރުން، އޮކްޓޯބަރު މަހުގެ ތަފާސްހިސާބު ރިޕޯޓާ ގުޅޭގޮތުން ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ރިޕޯޓުގައި، ނިމިދިޔަ އޮކްޓޯބަރު މަހު، ޑްރަގް ކޯޓު ފިޔަވައި އެންމެ ގިނަ މައްސަލަ ނިންމީ ކްރިމިނަލް ކޯޓުންނާއި މާލެ އަތޮޅު ކޯޓުން ކަމަށް ބުނެފައި އޮތެވެ.
އޮކްޓޯބަރު މަހު އެންމެ ގިނައިން ހުށަހެޅިފައިވާ ފަސް ބާވަތުގެ މައްސަލަތަކަކީ، މަސްތުވާތަކެއްޗާގުޅޭ އެކިއެކި މައްސަލަތައް ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ޓެރަރިޒަމް، ޓޯޗާކުރުމުގެ މައްސަލަތައް އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މައްސަލަތައް ހިމެނެ އެވެ.

އޮކްޓޯބަރު މަހު ސާބިތުވާކަމަށް ނިންމެވި މައްސަލަތައް ނިންމަވަން، އެވްރެޖްކޮށް 553 ދުވަސް ނެގި އިރު، ސާބިތުނުވާކަމަށް ނިންމi މައްސަލަތައް ނިންމަން ނެގީ 870 ދުވަހެވެ.













