އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
ޔާމީން އައްޑޫއަށް ވަޑައިގެންފައި މިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށެވެ. މި ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ޔާމީން ވަޑައިގަންނަވާނެ އެވެ. މިއަދު ޔާމީން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ.
އައްޑޫން ގިނަ ބަޔަކު ޔާމީނަށް މަރުހަބާ ކިޔުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖަވާމި އެވެ.
ދަތުރުފުޅުގައި ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން ޔާމީނާ ބައްދަލުކޮށް އިހުސާސްތަކާއި ޝުއޫރުތައް ހިއްސާކުރުމަށް ވެސް ޕީޕީއެމްއިން ވަނީ ދައުވަތު ދީފަ އެވެ.
މި ދަތުރަކީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށްފަހު ޔާމީން އައްޑޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދިޔަ މަހު އެމަނިކުފާނު ވަނީ ހދ އަދި ނ އަތޮޅަށްވެސް ވަޑައިގެންފަ އެވެ. ޕީޕީއެމް އިން ބުނެފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ޔާމީން ފުވައްމުލަށް ސިޓީ އަދި ގދ އަތޮޅަށް ވަޑައިގަންނަވާނެ އެވެ.














