މެންޗެސްޓާ (ނޮވެމްބަރު 5) - މެޗުގެ އިތުރު ވަގުތުގައި އާލިން ބްރައުޓް ހާލަންޑް ޖެހި ޕެނަލްޓީން 2-1 އިން ފުލަމް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ، އިނގިރޭދި ޕްރިމިއާ ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
މިރޭގެ މެޗުގެ ބޮޑުބައި ސިޓީން ކުޅުނީ ފުރަތަމަ ހާފުގައި ޔާއޯ ކަންސޭލޯ އަށް ދެއްކި ރަތް ކާޑެއްގެ ސަބަބުން އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ސިޓީ އެއް ވަނަ އަށް އެރީ 13 މެޗުން 32 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 12 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ޗެލްސީއާ ކުޅެގެން މޮޅުވެ، އާސެނަލަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ސިޓީ ދަނޑުގައި ކުޅުނު މިރޭގެ މެޗުގެ 16 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިިދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. ސިޓީގެ އިލްކާއި ގުންޑޮގާން ދިން ބޯޅަ އޭރިއާތެރެއިން އަލްވަރޭޒް ވަނީ ގޯލުގެ މަތީ ދަނޑީގައި ޖައްސާފައި ގޯލަށް ވައްދާލައިފަ އެވެ.
ފުލަމް އިން ވަނީ މެޗުގެ 28 ވަނަ މިނިޓްގައި ޔާއޯ ޕެރޭރާ ޖެހި ޕެނަލްޓީން އެއްވަރުކޮށްފަ އެވެ. މިއީ ސިޓީގެ ކަންސޭލޯ އޭރިއާތެރެއިން ފުލަމްގެ ހެރީ ވިލްސަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ފައުލަށް ކަންސޭލޯ އަށް ދެއްކީ ސީދާ ރަތް ކާޑެކެވެ.
ކުޅުންތެރިއަކު މަދުކޮށް ކުުޅުނު ސިޓީ ކޮޅަށް ނަތީޖާ އަނބުރާލަން ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ހާލަންޑް ކުޅެން އަރުވައިފަ އެވެ. އަނިޔާގެ ސަބަބުން ސިޓީން އެންމެ ފަހުން ކުުޅުނު ދެ މެޗުގައި ހާލަންޑް ނުކުޅެ އެވެ. ބެންޗުން އަރައި ހާލަންޑް ފުރަތަމަ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ.
ހާލަންޑް، ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ އިތުުރު ވަގުތު ޕެނަލްޓީ އަކުންނެވެ. މިއީ ފުލަމްގެ އެންޓޮނީ ރޮބިންސަން ސިޓީގެ ޑި ބްރޭނާ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
މިއީ ހާލަންޑް، އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި 18 ވަނަ ގޯލެވެ. ސިޓީ އަށް ބަދަލުވި ފަހުން، ޖުމްލަ އެކު، ހާލަންޑް ވަނީ 17 މެޗުން 23 ގޯލު ޖަހައިފަ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ވުލްވްސް ދަނޑުގައި ބްރައިޓަން ވަނީ 3-2 އިން މޮޅުވެފަ އެވެ. ބޯންމައުތު އަތުން ލީޑްސް ޔުނައިޓެޑް ވަނީ ފަހު ވަގުތު 4-3 އިން ކުރިހޯދައިފަ އެވެ. އަދި ނޮޓިންހަމް ފޮރެސްޓް ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.












