ރާއްޖޭގައި ވިއްކަމުންދާ، ބަރުދަން ލުއިކުރެވޭ ކަމަށް ބުނާ ބޭހެއްގައި ނުރައްކާތެރި ބާވަތްތަކެއް ހިމެނޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފާހަގަކޮށްފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އެލާޓެއްގައި ވަނީ، ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ރާއްޖޭގައި ވިއްކަމުންދާ އެ ބޭހަކީ އައްސިކުރުމަށް ބޭނުން ކުރާ ބޭހުގެ ބާވަތަކާއި ނުރައްކާތެރި އާލާމާތްތަކެއް ފެންނަ ބޭހުގެ ބާވަތެއް ހިމެނޭ ބޭހެއް ކަމަށެވެ.
އެ ބޭސް ބޭނުން ކުރުމުން ދިމާވާ ކަންކަމުގެ ތެރޭގައި ފުރަމޭ ހަލާކުވުމާއި، ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުން ހިމެނޭ ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ކުރިން އެ ކަން ފާހަގަކޮށްފައި އޮވެގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި އެ ބޭސް ވިއްކުން މަނާކޮށްފައި ވެސް ވެ އެވެ.
"ޖަމޫޫ ސުރޫ އަޔޫ" ނަމަކަށް ކިޔާ އެ ބޭސް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ ވެސް މަނާކަމެއް ކަމަށް އެ އެލާޓްގައި ބުނެފައިވެ އެވެ. އަދި އެ ކަމަށް އާންމުން ސަމާލުވެ ތިބުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވެ އެވެ.














