މާލެ ސަރަހައްދުގައި އެއްވެ އުޅުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކުރީގެ ސަރުކާރުގައި ގާނޫނަށް ގެނައި އިސްލާހު ބަދަލުކޮށް މާލެ ސަރަހައްދުގައި އެއްވެ އުޅެވޭނެ ގޮތް އަދި މި ސަރުކާރުން ހަދައިދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަކީ ސަރުކާރުން އެކަންކަމަށް އެއްބާރުލުންދޭ ކަންކަން ކަމުގަ އެވެ.
"މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރީގައި ވަރަށް ހަނިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ.. ރާއްޖޭގެ ނޫސްވެރިން ޖަލަށްލާ ރާއްޖޭގެ ސިޔާސީ ބޭފުޅުން ޖަލަށްލާ.. މިކަހަލަ ކަންކަން އޭރު ހިނގަމުން ދިޔައީ," ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވާ މިއުވާން ވިދާޅުވި އެވެ.
މިއުވާން ވަނީ ސަރުކާރުން ކުރިން ވެސް ބުނެފައިވާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނެސް މާލެ ސަރަހައްދުގައި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ހޯދަދޭނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.
ޔާމީން ގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު މިއަދާ ހަމައަށް ވެސް މާލެ ސަރަހައްދުގައި ސިޔާސީ ހަރަކާތްތަކަށް އެއްވެ ހިޔާލު ފާޅުކުރެވޭ ހަމައެކަނި ސަރަހައްދެއްގެ ގޮތުގައި އޮތީ ކާނިވަލް ސަރަހައްދެވެ.

ޔާމީން ގެންނެވި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ރައީސް ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގަތެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމެން އަހަރަކަށް ވެފައިވާއިރު އަދިވެސް އެ ގާނޫނު އިސްލާހުކޮށްފައެއް ނުވެ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ސޯލިހުގެ ސަރުކާރުން ވެސް އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ނުދީ ޔާމީން ގެންނެވި ގާނޫނު ތަންފީޒުކުރަމުންދާ މަންޒަރު މިހާރު ވެސް ދަނީ ފެންނަމުންނެވެ.












