ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަގްވާމީ މުޖްތަމައުން މިއަދު ބަލައިގަނެފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި، ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ފަރުވާ ބޭނުންވެފައިވާ އެންމެބޮޑު ބަލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެބައްޔަށް އޮތް ޝިފާއަކީ، ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ދައުލަތުގެ ތިން ބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައި ވެސް ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށް ވިދާޅުވެފަ އެވެ. އަދި ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް، އަންނަ ކުއްލި ބަދަލާއެކު ހުރިހާ މައްސަލައެއް ވަގުތުން ރަނގަޅުވެ އިސްލާހުވެގެން ނުދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިގޮތަށް ކޮރަޕްޝަން އާދައަކަށްވެ ގިނަ ފަރާތްތަކަށް އެއީ ރަނގަޅު ގޮތް ކަމުގައި ބެލެވޭ ހާލަތައް ގޮސްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ކޮރަޕްޝަނާއި ފަސާދަ އާއި ނާޖާއިޒް ފައިދާ ނެގުމަކީ، ދައުލަތުގެ ތެރޭގައި އިންތިޒާމްވެފައި އޮންނަ ރީތިކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ފެށި މަހާސިންތާގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވުމީ، މި މަހާސިންތާގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ. އަދި މި މަހާސިންތާއިން އުފެދޭ ހިޔާލުތަކަށް ސަރުކާރުން ބަލައިގަންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.












