ދިވެހިން ފޯޅަވަހި ދޫކޮށްލީ ތަސައްރަފު ނުފުދިގެން ކަމަށާއި ބިން އަނބުރާ ނުލިބޭނެ ކަމަށް ޔާމީން ވިދާޅުވެއްޖެ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް؛ ވިދާޅުވީ ފޯޅަވައްސެއް ދިވެހިންނަށް ލިބޭނެ ގޮތެއް ނެތް ކަމަށް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް؛ ވިދާޅުވީ ފޯޅަވައްސެއް ދިވެހިންނަށް ލިބޭނެ ގޮތެއް ނެތް ކަމަށް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިވެހިން ފޯޅަވަހި ދޫކޮށްލީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދިގެން ކަމަށާއި "މޮޅު ވާހަކަތަކެއް ދެއްކި" ނަމަވެސް އެ ބިން އަނބުރާ ނުލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން ނ. މަނަދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހިން އަމިއްލައަށް ދޫކޮށްލާފައިވާ ބިމެއް އަނބުރާ ހޯދޭނެ ގޮތެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެން ތަސައްރަފު ނުފުދިގެން ދޫކޮށްލާފައި އޮތް ބިމެއް، އޮތް ގައުމެއް އަނބުރާ ހޯދާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުމެންގެ އަތަކު ނެތް ރަޝިއާގައި ހުންނަ ހަނގުރާމަ ކުރުމުގެ ގާބިލްކަމެއް،" ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން، ފޯޅަވަހި މައްސަލަ ދިވެހިންނަށް ގެއްލުންނުވާނެ ގޮތަށް ހައްލު ކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ "ގަސްތުގައި ދޫކޮށްލާފައި އޮތް ބިމެއް" ކޮންމެ މީހަކު ވެރިކަމަށް ގެނައި ނަމަވެސް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ޗާގޯސްއަށް އަނބުރި އައުމުގެ ހައްގު މޮރިޝަސްގެ ރައްޔިތުންނަށް ލިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީއެއްގައި ވަނީ ވިދާޅުވެފަ އެވެ. އެއާއެކު ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލައިގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައިގައި ރާއްޖެއަށް ގެއްލުންވެދާނެ ކަމަށް ވަނީ ޝައްކު އުފުދިފަ އެވެ.

އދ. ގެ އާންމު މަޖިލީހުގައި އޮތް އެ ގަރާރުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމާފައި އޮތަސް، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެ އެވެ.

އޭޖީން ބުނެފައިވާ ގޮތުގައި ކުރިން ގަރާރަށް ތާއިދު ނުކުރީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުންނެވެ.

މައްސަލައިގެ ފަސްފަހަތް

މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސް އާއި ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ މެއި 22 ގައި ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރައްވަމުން ރާއްޖެއިން ކުރިން ބުނި ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ އިމުގެ މައްސަލައިގައި ނަގާފައިވާ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox